ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގެ ވެރިކަން ކުރާ ސިޓީގައި އިއުލާން ކޮށްފައިވާ ކާފިއު އިތުރަށް ދަމަހައްޓަން ނިންމައިފިއެވެ.
ވަކި މުއްދަތެއް ނެތި ކޮޅުނބުގައި ކާފިއު ދަންމާލަން ސްރީލަންކާގެ ސަރުކާރުން ނިންމި ކަން ލަންކާގެ ނޫސްތަކުގައި އާދިއްތަ ދުވަހު ހަވީރު ވަނީ ހާމަ ކޮށްފައެވެ.
ކޮޅުނބުގެ ކާފިއު ދަމަހައްޓަން އާދިއްތަ ދުވަހު ނިންމި އިރު ސްރީ ލަންކާ ސަރުކާރުން ހުސްވި ހަފްތާގައި ބުނެފައިވަނީ، މެއި މަހުގެ 11 ވާ ހޯމަ ދުވަހުން ފެށިގެން ވެރި ރަށް ކޮޅުނބާއި، ގަމްޕާ އަދި ކަަލަތޫރާ ގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލާ، އެ ސަރަހައްދުތައް އާއްމު ކޮށް މަސައްކަތްތަކަށް ހުޅުވާލާނެ ކަމަށެވެ.
ކޮޅުނބުގެ ކާފިއު ދެމެހެއްޓި ނަމަވެސް ކަލުތާރާ، ޕުއްޓަލަމް ގައި މެއި 11 ވަނަ ދުވަހުން ފެށިގެން ފަތިހު 5 އާ ރޭގަނޑު 8އާ ދެމެދު ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ ކަމުގައި ބުނެފައި ވެއެވެ. ނަމަވެސް މި ސަރަހައްދު ތަކުގައި ވެސް ރޭގަނޑު 8:00ގެ ފަހުން ބޭރަށް ނުކުމެ އުޅުން މަނާ ކަމުގައި ސްރީ ލަންކާ ސަރުކާރާ ހަވާލާދީ އެ ގައުމުގެ މީޑީއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އާދިއްތަ ދުވަހު ސްރީ ލަންކާގައި 8 މީހަކު އަލަށް ކޮވިޑް-19ށް ޕޮސިޓިވް ވެފައި ވެއެވެ. ކޮވިޑް-19ށް ޖުމްލަ 855 މީހުން އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ޕޮސިޓިވް ވެފައެވެ.
އާދިއްތަ ދުވަހު 61 މީހަކު ބަލި ފަސޭހަ ވެގެން ދޫކޮށްލާފައިވާ ވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި ސްރީލަންކާ ގައި ކޮވިޑް-19ށް ޕޮސިޓިވް ވެފައި ތިބި މީހުންގެ ޖުމްލަ އަކީ 525 އެވެ.
މިހާތަނަށް ޖުމްލަ 321 މީހުން ބަލި ފަސޭހަ ވެގެން ވަނީ ދޫކޮށްލާފައެވެ.