ކ. މާލެ
|
10 މެއި 2020 | އާދީއްތަ 23:27
ސައުދީ ޢަރަބިއްޔާގައި ކޮވިޑް-19 ބަލި މީހަކަށް ފަރުވާ ދެނީ
ސައުދީ ޢަރަބިއްޔާގައި ކޮވިޑް-19 ބަލި މީހަކަށް ފަރުވާ ދެނީ
ސައުދީ ގެޒެޓް
ކޮވިޑް-19: ސައުދީގެ ޙާލަތު
މިއަދަކީ ސަޢުދީ ޢަރަބިއްޔާގައި ކޮވިޑް-19ގެ އެންމެ ގިނަ ކޭސް ރިކޯޑު ކުރެވުނު ދުވަސް
އާދީއްތަ ދުވަހު 1،912 މީހުން ޕޮޒިޓިވްވެ، 09 މީހުން މަރުވި
11،457 މީހުން ފަރުވާދީން ރަނގަޅު ކޮށްފައިވޭ، އެއީ ޕޮޒިޓިވްވީ މީހުންގެ %30
ނުރައްކާތެރި މިންވަރަކަށް އަދިވެސް ވައިރަސް ފެތުރެމުން ދަނީ މައްކާގައި

ސަޢުދީ ޢަރައްބިއްޔާގައި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެން ފެށިފަހުން އާދީއްތަ ދުވަހަކީ އެޤައުމުގައި މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ޕޮޒިޓިވް ކޭސް ރިޕޯޓުކުރެވުނު ދުވަސްކަމަށް އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ. މުޙައްމަދު އަލް-އަބްދުލް ޢަލީއާ ޙަވާލާދީ ޤަލްފުގެ މީޑިއާތަކުން ޚަަބަރުފަތުރާ ގޮތުގައި، އަދީއްތަ ދުވަހު އެޤައުމުން 1،912 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 39،048ށް އަރާފައެވެ.

އާދީއްތަ ދުވަހު ރިކޯޑު ކުރެވުނު ކޭސްތަކުގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެއީ ޕޮޒިޓިވްވީ މީހުންގެ %65 އެވެ. %35 އަކީ ސަޢުދީ ރައްޔިތުންނެވެ. ތަރުޖަމާނު ވިދާޅުވެފައިވަނީ ޕޮޒިޓިވްވީ މީހުންގެ ނިޞްބަތް ގިނަވަމުން ދިޔަ ނަމަވެސް، ބަލީގައި މަރުވާ މީހުންގެ ޢަދަދު ނިޞްބަތުން މަދުކަމަށެވެ. އެގޮތުން މިހާރު އެޤައުމުގައި މަރުވާ މީހުންގެ ރޭޓް ހުރި %0.7 ގައި ހިފެެހެއްޓިފައި ވާކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ސަޢުދީން އާދީއްތަ ދުވަހު ފަރުވާދެމުން ދަނިކޮށް ނުވަ މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން މަރުވީ މީހުންގެ މިހާރުގެ ޢަދަދަކީ 246 އެވެ. މަރުވާ މީހުންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ވާއިރު ފަރުވާދީގެން ބަލިން ފަސޭހަވީ މީހުންގެ ނިޞްބަތް ވަނީ މައްޗަށް ގޮސްފައެވެ. މިހާތަނަށް އާއިރު 11،457 (އެގާރަ ހާސް ހަތަރުސަތޭކަ ފަންސާސް ހަތް) މީހުން ވަނީ ރަނގަޅު ކުރެވިފައެވެ. އެއީ ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ %30 އެވެ.

ސަޢުދީގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އާދީއްތަ ދުވަހުވެސް އެންމެ ގިނަ ކޭސް ޕޮޒިޓިވްވެފައިވަނީ މައްކާއިންނެވެ.

އާދީއްތަ ދުވަހު ވައިރަސްއަށް ޕޮޒިޓިވްވީ ކޭސްތަކުގެ ތަފުޞީލު:

  1. މައްކާ (438 މީހުން)
  2. ޖިއްދާ (374 މީހުން)
  3. ރިޔާދު (363 މީހުން)
  4. މަދީނާ (248 މީހުން)
  5. ދަމާމް (104 މީހުން)
  6. ޙުފޫފް (72 މީހުން)
  7. ޣުންފުދާހް (52 މީހުން)
  8. ހައްދާ (40 މީހުން)
  9. ޖުބައިލް (30 މީހުން)
  10. ޠާއިފް (28 މީހުން)
  11. ބާއިޝް (20 މީހުން)
  12. ޤާތިފް (16 މީހުން)
  13. ޔާންބޫ ( 14 މީހުން)

ބާކީ 100 މީހުންނަނީ ކުދި ކުދި އަވަށްތަަކަށް ނިޞްބަތްވާ މީހުންނެވެ.

ސަޢުދީގެ ޞިއްޙަތާއި ބެހޭ ވަޒީރު ޑރ. ތައުފީޤު އަލް-ރާބިޢާ ވިދާޅުވީ، ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ގިނަވަމުން ދަނީ ތަޙުލީލު ކުރުމުގެ ޕްރޮގުރާމު ވަރުގަދަކޮށް މިހާރު ކުރިޔަށްގެންދާ "ފީލްޑް ޓެސްޓިންގ" ޕްރޮގުރާމުގެ ދަށުން އެއްފަހަރާ ގިނަ ބަޔަކު ވައިރަސްއަށް ޓެސްޓުކުރަމުންދާތީ ކަމަށެވެ. އަދި ޝިފާ ލިބޭ މީހުންގެ ނިޞްބަތްވެސް ގިނަވެ، މަރުވާ މީހުންގެ ޢަދަދު ދަށްވަނީ ފަރުވާ ދިނުމުގެ ނިޒާމު ވަރުގަދަކޮށް، ވަކިން ޚާއްޞަކޮށް އިންޓެންސިވް ކެއަރ، ނުވަތަ ނާޒުކު ޙާލަތްތަކުގައި ދޭ ފަރުވާގެ ކަންކަން ރަނގަޅުކުރުމުން ކަމަށެވެ. އަދި ކަމާއި ގުޅޭ މާހިރުންގެ އެހީގައި ޞިއްޙަތާއި ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ "ޔުނިފޯރމް ޓްރީޓްމެންޓް ޕްރޮޓޮކޯލް" މީގެ ވަރަށް ބޮޑު އެހީއަކަށް ވެގެންދިޔަ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ޞިއްޙީ މާހިރުންގެ ޓިމާއި ވުޒާރާގެ ބޭފުޅުން ބައްދަލު ކުރައްވާ ޕްރޮޓޮކޯލް މުރާޖަޢާކޮށް ޙާލަތައް ބަލައި ގެންނަން ޖެހެ ބަދަލުތައް ގެންނަކަމަށެވެ.

އަލް-ރާބިޢާ ވިދާޅުވީ ސަޢުދީން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބު ލިބެމުންދަނީ ޞިއްޙީ ޚާއްޞަ ޓީމުތަކާއި އިސް ސަފުގައި ޙަރަކާތްތެރިވާ ޚިދުމަތްތެރިންގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ ބަލި ޖެހޭތާ ކުރީކޮޅު އެމީހަކު ދެނެގަނެ އަވަހަށް ފަރުވާ ދިނުމަށް ކަމަށެވެ.

ސަޢުދީ އަރަބިއްޔާގައި ވައިރަސް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ލިބުނު ނަމަވެސް އަދިވެސް މައި ބައެއް ސިޓީތަކުގައި ވައިރަސް ފެތުރެމުންދާތީ ވަނީ ފުރަބަންދުކޮށްފައެވެ. އެހެންނަމަވެސް މައްކާ ފިޔަވައި އެހެން ސިޓީތަކުގައި މިހާރު ވަނީ ކޮންމެ ވެސް ވަރެއްގެ ލުޔެއް ދީފައެވެ. އެގޮތުން އެޕްރީލް 29ން ފެށިގެން މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިޤުތިޞާދީ އަދި ބައެއް ވިޔަފާރި ޙަރަކާތްތައް ހިންގުމަށް ހުއްދަދީ، ޢާންމުން ދުވާލުގެ ބައެއް ގަޑިތަކުގައި މިނިވަން ކަމާއެކު ބޭރަށް ނިކުމެ އުޅުމުގެ ހުއްދަވަނީ ދީފައެވެ.

ފުރަބަންދަށް ލުޔެއް ދިންނަމަވެސް، ޞިއްޙީ މިންގަޑުތަކާއި، ކަމާއި ގުޅޭ އެހެން އިދާރާތަކުން ތަންފީޒު ކުރަމުންދާ އުޞޫލުތަކައް ތަބާ ނުވެއްޖެނަމަ ކުރިން އޮތް ގޮތައް ރުޖޫޢަކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފައިވެއެވެ.

- ކޮމެންޓް