ރާއްޖޭގެ އެންމެ ބޮޑު އެއް ސީޓީ، އައްޑޫ ސިޓީގައި ހޮނިހިރު ދުވަހު އިޢުލާނު ކުރި 'ލޮކްޑައުން' ގެ ޙާލަތު އުވާލައިފި އެވެ.
އައްޑޫ ސިޓީގައި އިޢުލާނު ކުރި 14 ދުވަހުގެ ލޮކްޑައުންގެ ޙާލަތު އުވާލީ އެ ސިޓީން މީހަކު ކޮވިޑް-19 އަށް ޓެސްޓްކުރި އިރު އޭނާގެ ނަތީޖާ ޕޮޒިޓިވްވި ކަމަށް ދެއްކިނަމަވެސް ފަހުން ހެދި ޓެސްޓުތަކުން އެމީހާ އެ ބައްޔަށް ނެގެޓިވްވުމާއި ގުޅިގެންނެވެ.
ލޮކްޑައުން އުވާލިކަން ބަޔާން ކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުމެއް ގައި ބުނީ، ލޮކްޑައުންގެ ޙާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުުމުން ޙާލަތު އުވާލުމަށް އަންގާ ކަމަށެވެ. އަދި ލޮކްޑައުންގެ ޙާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުންގެ މޭޔަރު ޢަބްދުﷲ ޞާދިޤު(ސޯބެ) ވިދާޅުވީ، ލޮކްޑައުންގެ ޙާލަތު އުވާލިޔަސް އޭގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށެވެ. އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކުގައި ނޫނީ ބޭރަށް ނިކުމެ ނޫޅުން ހިމެނެއެވެ.