ރާއްޖެއިން ޖުމްލަ 785 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހޮނިހިރު ދުވަހުރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 އަށް ޖުމްލަ ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ އަދަދު 785ށް އަރާފައިވާކަމަށެވެ.
ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް އިތުރު 22 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ ޖުމްލަ 766 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެރޭ އިތުރު 19 މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވުމާއި ގުޅިގެން ޖުމްލަ އަދަދު ވަނީ 785ށް އަރާފައެވެ.
މިހާތަނަށް ޖުމްލަ 11775 ޓެސްޓް ހެދިފައިވާއިރު އޭގެތެރެއިން 10552 ޓެސްޓްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ. އަލަށް ރިޕޯޓުކުރެވުނު ކޭސްތަކާއެކު ޖުމްލަ 257 ދިވެހިންނަށް އަދި 528 ބިދޭސީންނަށް ބަލިޖެހިފައިވެއެވެ.
މިހާތަނަށް ނަތީޖާ ނުލިބިވަނީ 438 ސާމްޕަލެވެ.