Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 05:38
 ރައްޔިތުންގެ މަޖިލީހުގެ ތޮއްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ތޮއްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ެމްމްބަރުން ޕާޓީ ބަދަލުކުރުން
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
މެމްބަރަކު ޕާޓީއަށް ގުޅިވަޑައިގެންނެވުމަށް އެދިވަޑައިގަތުމަކީ ކުށެއް ނޫން
އަނިޔާވެރި ވެރިޔަކާއި ދެކޮޅަށް ތެދުވުމަކީ އެންމެ ބޮޑު ޖިހާދު
ރައީސް ޔާމީނަކީ ވަރަށް ރަނގަޅު ވެރިޔެއްކަމަށް ވިދާޅުވިން، ނަމަވެސް ދެން އެގޮތަށް ނުބުނާނަން

ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އޭނާއަށް ހުށައެޅުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރު މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވިކަމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރާކުރުމަށް އިޝާރަތްކުރައްވާ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ، މެމްބަރަކު ޕާޓީއަށް ގުޅިވަޑައިގެންނެވުމަށް އެދިވަޑައިގަތުމަކީ ކުށެއް ނޫން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް ހުރިހާ މެމްބަރުން ވަޑައިގެންނެވުމަށް ވެސް، ގާސިމެކޭ އެެއްގޮތަށް މެމްބަރު ހަސަން އިބްރާހިމް ވެސް ގޮވާލެއްވިއެވެ.

 

އޭނާ ވިދާޅުވީ، ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ރައީސް ޔާމީން އޭނާއަށް ހުށައެޅުއްވި ކަމަށެވެ.

 

"ރައީސް ޔާމީނޭ އަޅުގަނޑުގެ ގާތުގަިއ ވިދާޅުވީ، އެވިލާ [މެމްބަރު އިބްރާހިމް ހަސަން] އަންނަހަރޭ. ބަހުން ބަހަށް މި ނަންގަތީ. އެވިލާ ބުނާ ކަންތައް އަޅުގަނޑު މިކޮށްދެނީ ނޫންހޭ. އަޅުގަނޑުމެންގެ ޕާޓީއަށް އަންނާށޭ. ދާއިރާ ތަރައްޤީވާނެއޭ. ދެން ކޯޗެކޭ މި ކިޔަނީ. އޭނާގެ މޮޅުކާއި އޭނާގެ އިއްޒަތާ ނޫންތޯ މިއޮތީ." މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

 

މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ، އަނިޔާވެރި ވެރިޔަކާއި ދެކޮޅަށް ތެދުވުމަކީ އެންމެ ބޮޑު ޖިހާދު ކަމަށެވެ. އަދި ޤައުމެއް ފަނާވެގެންދާ ތަން ބަލަން މިނިވަން މުއައްސަސާތަކާއި، ދިވެހި ރައްޔިތުން ތިބުމަކީ ހައްލެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

 

އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްލާހީ މަސައްކަތާއި ގުޅިވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ ޤައުމާއި، ވަތަނުގައި ހައްޤުޤައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރަންޖެހޭ ކަމެއް ކަމަށް މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

 

"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހު އަޅުގަނޑަށް ވަރަށް ގިނަ މެސެޖު އައި. ފޯނު އޮންވެސް ކޮށްނުލެވޭ. ދެކޮޅަށް. މެމްބަރު ތިޔަކަމުގައި ބަިއވެރި ނުވާށޭ. އެއީ ތިމަންމެންގެ ތަރައްޤީއަށް އެޅޭ ހުރަހެކޭ. އަނެއްކޮޅުން މެސެޖު ލިބެނީ ޤައުމުގެ ހައްޤުގައި އޭނާ  [މަޖިލީހުގެ ރައީސް] ކުރަން ވޯޓުދެއްވާށޭ. 80 ޕަސެންޓް ތޮއްޑޫ ދާއިރާއިން، 80 ޕަސެންޓް ތޮއްޑޫ ދާއިރާއިން އައީ އޭނާ އަޒުލުކުރަން ވޯޓުދޭށޭ. ވަރަށް ސާފުކޮށް މި ދަންނަވަނީ. ތޮއްޑޫ ދާއިރާއިން ޒީރޯ މި ސަރުކާރަށް ދެން ލިބޭނީ،" މެމްބަރު ވިދާޅުވި އެވެ.

 

މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ، ޤައުމު ބިނާކުރެއްވި އެންމެން ނެތިކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. ރައީސް އަބްދުﷲ ޔާމީންއަކީ ވަރަށް ރަނގަޅު ބޭފުޅެއްކަމަށް އޭނާވެސް ވިދާޅުވި ކަމަށާއި، ނަމަވެސް މިއަދު އެގޮތަށް ވިދާޅުވެވެން ނެތް ކަމަށް މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

 

"މިއަދު އަޅުގަނޑު މި ދަންނަވަނީ މިޔަށްވުރެ ޖާހިލު ރައީސަކު މިޤައުމަކަށް ނާރަޔޭ. ހިތަށް އަރަޔޭ ރަނގަޅަށް ރީތިކޮށޭ ވާހަކަދައްކާނީ. މާތް ބަހުންނޭ ވާހަކަދައްކާނީ. އެކަމަކު މާތް ބަހުންނެއް ވާހަކައެއް ނުދެއްކޭނެ ދުލުގައި ހިފައި ދަމަންފެށީމަ،" މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް