ހުޅުމާލޭގައި ޤާއިމުކުރާ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.
ހޮނިހިރު ދުވަހު މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓްގައި ވަނީ ދިވެހި ސިފައިން ކުރަމުން ގެންދަނީ އަޖައިބު ކުރަނިވި ވަރުގަދަ މަސައްކަތްތަކެއް ކަމަށެވެ. ބައެއް ސިފައިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވީނަމަވެސް އަޒުމަށް ބަދަލެއް ނުގެނެސް ހޮސްޕިޓަލް ނިންމުމަށްޓަކައި ވަރުބަލިކަމެއް ނެތި ރެއާއި ދުވާލު ސިފައިން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ސިފައިންގެ ޢާއިލާތައް ވަމުންދާ ޤުރުބާނީއާއި ސިފައިން ކުރަމުންދާ ހިތްވަރާއި މެދު ފަޚުރުވެރިވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ހުޅުމާލޭގައި ގާއިމުކުރާ މެޑިކަލް ފެސިލިޓީ އިމާރާތްކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން، އެޗްޑީސީއާއި، ފެނަކަ ފަދަ އަމިއްލަ ކުންފުނިތަކާއި އެޖެންސީތަކުގެ ގިނަ ބަޔަކު ބައިވެރިވެއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން އަމިއްލަ ފަރުދުން ވެސް މަސައްކަތުގައި ބައިވެރިވެއެވެ. މިމަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފުޞީލު ހާމަކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ މިއީ 290 އެނދުގެ މެޑިކަލް ފެސިލިޓީއެއް ކަމަށެވެ.
ޝަމާލް ވިދާޅުވީ މާލެސީޓީގައި ކޮވިޑް-19 ފެތުރިފައިވާތީ ފަރުވާ ދިނުމަށް އިތުރު ފެސިލިޓީތައް ޤާއިމު ކުރަންޖެހޭ ކަމަށެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީއާއެކު ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށާއި، މިތަނަކީ ޚާއްޞަކޮށް ވައިރަސްއަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ޤާއިމު ކުރެވޭ ތަނެއްކަމަށް ޝަމާލް ވިދާޅުވިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ ޤާއިމުކުރަނީ 05 ބްލޮކަށް ބަހާލައިގެންނެވެ. އެތަނުގައި 19 ކޮޓަރި ހުރެއެވެ.