ގެތަކުގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 101 މީހެއްގެ ހާލު ބަލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މާލެސިޓީ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ގެތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެގޮތުން ގޭގޭގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 101 މީހެއްގެ ޙާލަތު މިނިސްޓްރީން މިހާތަނަށް ބަލާފައިވާ ކަމަށެވެ. އަދި އެކި ރަށްތައް ލޮކްޑައުންގެ ޙާލަތަށް އަންނަ ވަރަކުން، މިފަދަ އިތުރު ފަރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މާލެސިޓީގައި ކޮވިޑް-19 ހަލުހި މިނެއްގައި ފެތުރެމުންދާއިރު، އުމުރުން ދުވަސްވީ މީހުންނާއި، ދައިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެސިޓީން ކޮވިޑް-19 ފެނުމާ ގުޅިގެން މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެގޮތުން ރަށަށް ނުދެވި މާލެއަށް އައިސް ތިބި ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ތާށިވެފައިވާއިރު، ބައެއް މީހުންގެ ވަޒީފާތައް ގެއްލި ކުލި ނުދެއްކިގެން މަގުމަތިވެފައިވެއެވެ. އަދި މިފަދަ ފަރާތްތަކަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ދަނީ ކުރަމުންނެއެވެ.
މިފަދަ މީހުންނަށް އެހީތެރިވުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، އާންމު ފަރުދުންގެ ވެސް އެހީތެރިކަން ލިބެމުންދެއެވެ. އަދި މާލެސިޓީގެ ބައެއް ސްކޫލުތައް ވަގުތީ ހިޔާގެ ގޮތުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.