Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 04:22
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް
ރައީސް ޔާމީނަށް ޑިމޮކްރަސީއެއް ނޭންގޭ- ގާސިމް
އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަރަށް ހިތްވަރާ އެކު މިކުރާ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް ގާސިމް ވިދާޅުވި

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިޔަކު މިއަދު ނެތް ކަމަށާއި އެމަނިކުފާނުގެ އެތެރެ ފުށާ ބޭރުފުށް ރައްޔިތުންނަށް ވަރަށް ރަގަޅަށް އެނގޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުން މިއަދު ކުރާ އެއްވެސް މަސައްކަތަކީ އިހްލާސްތެރި ނިޔަތެއްކާ ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އެގޮތުން މަޝްވަރާކުރުމަށް ސަރުކާރުން ގޮވާލައްވާފައިވާ އިރު ސިޔާސީ ހުރިހާ ލީޑަރުން މިސަރުކާރުން ހައްޔަރު ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީން އެއްވެސް ޝަރުތެއްނެތި އެންމެ ފުރަތަމަ އިޖާބަދިންނަމަވެސް ސަރުކާރުން މަސައްކަތް ކުރީ ވަރަށް ގިނަ ޝަރުތުތަކާ އެކު ކަމަށެެވެ.

ރައީސް ޔާމީން ސިޔާސީ ލީޑަރުން ހައްޔަރު ނުކުރާކަމަށް ވިދާޅުވުމަކީ ޖޯކެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ސިޔާސީން ނޫން މިހަކު ހައްޔަރުކުރައްވަން އެގިލައްވާތޯ ގާސިމް ވަނީ ރައީސް ޔާމީނާ ސުވާލު ކުރައްވާފަ އެވެ.

"ޑިމޮކްރަސީގެ ވާހަކަ ރައީސް ޔާމީން ދައްކަވާ އިރު ޑިމޮކްރަސީގެ ވަސް  އެމަނިކުފާނަށް އެގިނުލައްވާ. ޑިމޮކްރަސީއަށް އެންމެ ބުރަ މަސައްކަތް ކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ސަރުކާރުން ދަނީ ގާނޫނު އަސާސީގެ އުސޫލުތަކަށް ބަދަލު ގެންނަމުން ކަމަށާއި ޑިމޮކްރެޓިކް ވެރިޔެއް އެފަދަ ގޮތަކަށް މަސައްކަތްކެއް ނުކުރައްވާނެ ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވާ ގާސިމް ވަނީ މަޖިލީހުން ފާސްކުރި އެސްއީޒެޑް ގާނޫނަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ، އިހްލާސްތެރިކަމެއް، ނުވަތަ ގައުމިއްޔަތު ކަމެއް ހުރި ވެރިޔެއް ނަމަ ގައުމުގެ ބިން މިލްކުވާގޮތަށް ވިއްކާނުލައްވާނެ ކަމަށެެވެ.

" މަޝްވަރާ ކުރުމަށް ކޮން ޕާޓީއަކަށް ތޯއޭ ތި ދައުވަތު ދެނީ. އޮޕޮޒިޝަންއާ ވާހަކަދެއްކުމުގެ ހިތްވަރެއް ރައީސް ޔާމީނުގެ އެއް ނެތް." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މިއަދު ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތް ވަަރަށް ބާރަށް ކުރިއަށްދާނެ ކަމަށާއި ރައީސް ޔާމީން އަޅުއްވާ ފިޔަވަޅުތަކަށް އެއްވެސް މީހަކު ޖެހިލުމެއް ނުވާނެ ކަމަށެވެ.

މިއަދު ފެނިގެންދަނީ ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް މަންޒަރުކަމަށާއި އެމަނިކުފާނަށް އިހްލާސްތެރިވި ފަރާތްތަކަށް އެމަނިކުފާނު ކަންތައްކުރެއްވީ ވަަރަށް އަނިޔާވެރިކޮށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ ހިތްވަރާ، ކެތްތެރިކަމެއް ރައީސް ޔާމީންގައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް