ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގޮތާއި ހިލާފަށް އަމަލުކުރަމުންދާކަމުގެ ޝަކުވާ ލިބިފައިވާކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓިވީއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރ އިމްރާން ވިދާޅުވީ، މިހާރު އަމަލުކުރުމަށް އަންގަމުންދާ ހުރިހާ ކަމެއް ނުވަތަ ސިޔާސަތެއް ކަނޑައަޅަމުން ދަނީ ކަމާއިބެހޭ މާހިރުންގެ އިރުޝާދާއި ލަފާގެ މަތިން ކަމަށެވެ. މިނިސްޓަރ އިޝާރާތްކުރެއްވީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ރަށަށް ދިއުމުން އަނެއްކާ ވެސް ކަރަންޓީނު ކުރާ މައްސަލައަށެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ، ކަރަންޓީން ފެސިލިޓީއިން މީހަކު ދޫކުރެވެނީ އެޗްްޕީއޭއިން އެތައް ތަހުލީލުތަކެއްކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށާއި އެ އިދާރާއިން އިތުރު ދުވަސް ކަރަންޓީން ކުރުމަށް ނާންގަނީސް ކައުންސިލަށް އަދި ޓާސްކްފޯހަށްވެސް އެ ނިންމުމެއް ނުނިންމޭނެކަމަށެވެ. އަދި އެޗްޕީއޭގެ ނިންމުންތަކާ އެއްގޮތަށް ކަންކަން ނިންމެވުމަށް އިލްތިމާސްކުރެއްވި އެވެ.
އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން ހުރިހާ ރަށްތަކެއްގައިވެސް މަނާކޮށްފައިވާ ދަނޑިވަޅެއްގައި ބައެއް ކައުންސިލްތަކުން އިޒުނައާއެކު ޖަމާއަތުގައި ނަމާދުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މެއި މަހުގެ 14 ގައެވެ.
އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުތަކުގެ ދަށުން އަޅަމުންގެންދާ ބައެއް ފިޔަވަޅުތަކަށް ބޯނުލަނބާ މައްސަލަތައް މަދުމަދުން ނަމަވެސް އަންނަނީ ފެންމަތިވަމުންނެވެ. ހާއްސަކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެޗްޕީއޭ އާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހުއްދަ ނެތި ބައެއް ނިންމުންތައް ވަނީ ނިންމާފަ އެވެ. މިކަމާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ބައެއް އެ ރަށްތަކުގެ ކައުންސިލްތަކުގެ ބައެއް ނިންމުންތައް މުރާޖައާކުރަން އިލްތިމާސްވެސް ކޮށްފައި ވެއެވެ.