ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތާއި ގުޅިގެން، އަނބުރާ ގައުމަށް ދާން ބޭނުންވެފައިވާ 4500 ރައްޔިތަކު ހައިކޮމިޝަންގައި އެދިފައިވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ކޮވިޑް-19 އަށް ދެއްވި އިންޓިވައުއެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ، އަންދާޒާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 27،000 މީހުން އުޅެމުންދާ ކަމަށެވެ. އަދި އިންޑިއާއަށް އަނބުރާ ދާން ބޭނުންވެގެން ހައި ކޮމިޝަންގައި މިހާތަނަށް އެދިފައިވާ ރައްޔިތުންގެ ތެރޭގައި ގިނައީ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ރިސޯޓް މުވައްޒަފުން ކަަމަށް ވިދާޅުވި އެވެ.
ހުކުރު ދުވަހުގެރޭ 10:30 ހާއިރު އިންޑިއާގެ 698 މީހަކު ވަނީ އިންޑިއާ ކަނޑުމަތީ ސިފައިންގެ މަނަވަރެއްގައި އަނބުރާ ގައުމަށް ދިއުމަށް ފުރާފަ އެވެ.
މިކަމާއި ގުޅިގެން ސަންޖޭ ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ އެ ގައުމަށް ގެންދިޔުމުގެ ކަންތައް ގޮސްފައިވަނީ ވަނީ ވަރަށް ''ސްމޫތް'' ކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާގެ އިތުރު ރައްޔިތުންތަކެއް ފުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މިކަން ކުރިޔަށްދާނެ އެންމެ މަދުވެގެން ދެ ހަފްތާއަށް. މާދަމަ (ހޮނިހިރު ދުވަހު) އިތުރު ބޯޓެއް އަންނާނެ. އެ ބޯޓު ފުރާނީ އާދިއްތަ ދުވަހު 200- 250 ދެމެދުގެ މީހުން ގޮވައިގެން. އޭގެ ފަހުން މިއަދު (ހޮނިހިރު ދުވަހު) ފުރި ބޯޓް އަންނާނެ. އަހަރުމެން އަންދާޒާ ކުރަނީ އިތުރު 700 މީހަކު އެ ބޯޓުގައި ޓުޓޮކުރިންއަށް ފޮނުވާލެވޭނެ ކަމަށް.އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރް
އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރަމުންދަނީ ތައުލީމީ ދާއިރާ، ސިއްހީ ދާއިރާގެ އިތުުރުން ފަތުރުވެރިކަމުގެ ދާއިރާގަ އެވެ.
އިންޑިއާއިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް "މިޝަން ވަންދޭ ބާރާތް" އާއި "ސަމުދްރޭ ސެތޫ" ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފަ އެވެ. މިއީ މިހާތަނަށް އިންޑިއާއިން ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ.