އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ކޯޓަށް ހާޒިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ޝަރީއަތްތައް ފެށުމަށް ނިންމާފައިވަނީ 10 މެއި ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ކްރިމިނަލް ކޯޓުން ބުނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށްދާނީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ސަރކިއުލަރއަކުން ޝާއިއުކޮށްފައިވާ ޤަވާއިދެއްގެ ދަށުން ކަމަށެވެ. އެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދިއުމަށް ދައުވާލިބޭ ފަރާތް ރުހޭތޯ އަހާނެއެވެ. އަދި ރުހޭނަމަ ތާވަލު ކުރުމަށްފަހު އަޑުއެހުން ކުރިއަށްގެންދެވޭނެ ކަމަށް ކޯޓުން ބުނެއެވެ.
އެހެން ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުވާލިބޭ ފަރާތް ނުރުހޭނަމަ އަޑުއެހުން ވަގުތުން ހުއްޓާލެވޭނެކަމަށް ކޯޓުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ "އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުން" މިއީ ޤާނޫނު އަސާސީން ދައުވާލިބޭ ފަރާތްތަކަށް ލިބިދޭ އަސާސީ ޙައްޤަކަަށް ވުމެވެ. އަދި މި ޙައްޤަށް ހަނިކަމެއް ގެނެވޭނީ މަޖިލީހުން ކަނޑައަޅާ ޤާނޫނަކުން ކަން ބަޔާންކޮށް ކޯޓުން އިތުރަށް ބުނީ، މިހާތަނަށް ޤާނޫނަކުން އެކަމަށް ހަނިކަމެއް ގެނެސްފައި ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެހެން ނިންމާފައިވާއިރު، ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ވެގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ކްރިމިނަލް ކޯޓާ އެކަން ހިއްސާ ކޮށްފައިވެއެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެ އޮފީހުގެ ފަރާތުން އެއްބާރުލުން ދޭނެކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް އޮތީ މެދުކަނޑާލާފައެވެ. އެހެން ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް އަދިވެސް މެދުނުކެނޑި ކުރަމުންދެއެވެ.