ހއ. އިހަވަންދޫގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި ރަށުގައި ނެތްކަމަށް އިހަވަންދޫ ކައުންސިލުން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދޭ ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ރަށުގެ ހެލްތް ސެންޓަރުގައި މިވަގުތު ބައެއް އާލާތްތައް ހުރި ނަމަވެސް، ޚާއްސަ ހާލަތަކަށް ގޮސްފިނަމަ ރައްކާތެރިވުމަށް ބޭނުން ކުރާނެ ތަކެތި ނެތްކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާރޗް މަހުގެ 4ން ފެށިގެން އިހަވަންދޫގައި ޓާސްކްފޯހެއް އުފައްދައި، ޓާކްސްފޯހުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ. އެގޮތުން އެޕްރީލް 12 ވަނަ ދުވަހުން ފެށިގެން ރަށަށް އަރާ ފައިބާ ހުރިހާ ފަރާތްތައް ވަނީ މޮނީޓަރ ކުރަން ފަށާފަ އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ޓާސްކޯފޯހުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޮޅުމަހެއްހާ ދުވަހު މަސައްކަތް ކުރަމުންދިޔައީ އެފަރާތްތަކުން އަމިއްލައަށް އަމިއްލަ ރައްކައުތެރިކަން ކަށަވަރުކޮށްގެންކަމަށް އޭނާ ވިދާޅުވި އެވެ. އަދި "ކާވިޔާ ބޯޓް" ކޭސްއާ ގުޅިގެން އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރަށް މޮނީޓަރިންގ އަށް ގެނެވުނު އިރުވެސް އިންތިޒާމްތައް ހަމަޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.
އެޕްރީލް 29 ވަނަ ދުވަހާއި ހަމައަށް ޓާސްކްފޯހުގައި ހިމެނޭ ފަރާތްތައް މަސައްކަތް ކުރަމުންދިޔައީ މާސްކާއި އަންގިފަދަ ތަކެތިވެސް ނެތި ބިރުވެރި ހާލަތެއްގައި ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 9 ފަރާތެއް އެރަށުގައި ތިބިއިރު، އެ ފަރާތްތަކާއި ގުޅުންހުރި 38 ފަރާތެއް މިވަގުތުވެސް އައިސޮލޭޓް ކުރެވިފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެ ފަރާތްތަކާއި ރަށުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގެއަށް ބޭނުންވާ ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމާއި ކުނި އުކާލުމާއި އަދިވެސް ރައްޔިތުން ބޭނުންވާ ހުރިހާ ޚިދުމަތެއް ޓާސްކްފޯހުގެ ފަރާތުން ދެމުންގެންދާކަން ކައުންސިލް ރައީސް ފާހަގަ ކުރެއްވި އެވެ.
އެ ރަށުގައި ސާމްޕަލް ނެގުމުގެ ކަަންކަން ކުރިއަށް ދަނީ އިހަވަންދޫ ހެލްތް ސެންޓަރުގެ މަސައްކަތް ކުރާ މުވައްޒަފުންކަމަށާއި ސާމްޕަލް ނެގުމަށް ބޭނުންވާ ތަކެތި ހުސްނުކޮށް އެރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެނާ ވިދާޅުވިއެވެ.
އިހަވަންދޫގައި ގާއިމްކުރާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް
ރަޝީދު ވިދާޅުވީ އެރަށުގައި ތައްޔާރުކުރާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށްދާ ކަމަށާއި އިންޓީރިއަރ ހުރިހާ މަސައްކަތެއް ނިމި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.
ކުރިއަށް އޮތް ދެތިން ތިންދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި މި ފެސިލިޓީއަށް އިތުރަށް ބޭނުންވާ ވަސީލަތްތައްވެސް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވި އެވެ.
މިއީ އެއްފަހަރާ ތިން މީހުންނަށް ފަރުވާދެވޭ އައިސީޔޫ ފެސިލީޓިއެކެވެ. އަދި މި ތަނުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފަ އެވެ. އެ ފެސިލިޓީގައި އިތުރު އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.