ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 12:37
މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް
މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް
ގެޓީ އިމޭޖަސް
ފެނާންޑޭސްގެ ޓްރާންސްފާ މައްސަލަ
ފެނާންޑޭސްގެ ޓްރާންސްފާއާ ގުޅޭ މައްސަލައެއް ފީފާއިން ބަލަނީ
ފީފާ އަށް މައްސަލަ ހުށަހެޅީ ސަމްޕްޑޯރިއާ އިން
މައްސަލަ ހުށަހެޅީ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ ޓްރާންސްފަރ އާ ގުޅޭ މައްސަލައެއް ފީފާއިން ތަހުގީގުކުރަން ފަށައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު ސްޕޯޓިން ލިޒްބަން ދޫކޮށް ފެނާންޑޭޒް ޔުނައިޓެޑަށް ބަދަލުވެފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެއް ދަށުން 55 މިލިއަން ޔޫރޯއަށެވެ. އެކަމަކު އޭނާގެ ޓްރާންސްފަރ ފީ އެއްކޮށް ދައްކާއިރު 80 މިލިއަން ޔޫރޯއަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެނާންޑޭސްގެ ޓްރާންސްފަރއާ ގުޅޭ މައްސަލަ ފީފާއަށް ހުށަހެޅީ އޭނާ ކުރިން ކުޅުނު ކްލަބެއް ކަމަށްވާ އިޓަލީގެ ސަމްޕްޑޯރިއާ އިންނެވެ. ސަމްޕްޑޯރިއާ އިން މައްސަލަ ހުށަހެޅީ ސްޕޯޓިންއާ ދެކޮޅަށެވެ.

ސަމްޕްޑޯރިއާ އިން 2017 ވަނަ އަހަރު ސްޕޯޓިންއަށް 8.5 މިލިއަން ޔޫރޯއަށް ފެނާންޑޭސް ވިއްކާލިއިރު، އެ ފަހަރު ހެދި އެއްބަސްވުމުގައިވާ ގޮތުން ސްޕޯޓިންއިން ވަނީ ފެނާންޑޭސް އެހެން ކްލަބަކަށް ވިއްކާލާނަމަ، ލިބޭ ފައިދާގެ %10 ސަމްޕްޑޯރިއާ އަށް ދޭން އެއްބަސްވެފައެވެ. އެކަމަކު ޔުނައިޓެޑަށް ފެނާންޑޭސް ވިއްކާލުމަށް ފަހު އެއްވެސް ފައިސާއެއް ލިބިފައިނުވާތީ، ސަމްޕްޑޯރިއާ އިން ވަނީ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފީފާއިން މިހާރު އަންނަނީ މި މައްސަލަ ބަލަމުންނެވެ.

2012 ވަނަ އަހަރު އިޓަލީގެ ނަވޯރާއިން ސީނިއަރ ކެރިއަރު ފެށި ފެނާންޑޭސް މީގެ ކުރިން ވަނީ އުދިނޭޒީ އާއި ސަމްޕްޑޯރިއާ އަށް ކުޅެފައެވެ. 2017 ވަނަ އަހަރު ސްޕޯޓިންއަށް ބަދަލުވެ، އެޓީމުގައި ފެނާންޑޭސް މޮޅު ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑަށް ބަދަލުވުމަށް ފަހުވެސް ފެނާންޑޭސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް އެ ޓީމަށް ކުޅެދިން މެޗުތަކުގައި ދެ ލަނޑު ޖަހައި، ތިން ލަނޑު ޖަހަންވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް