ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 00:08
ޔުނައިޓެޑްގެ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ބްރޫނޯ ފެނާންޑޭސް އާއި އެންތަނީ މާޝިއަލް
ޔުނައިޓެޑްގެ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ބްރޫނޯ ފެނާންޑޭސް އާއި އެންތަނީ މާޝިއަލް
ގެޓީ އިމޭޖަސް
ކުޅުންތެރިން އެނބުރި އަންނަން އެންގުން
ޔުނައިޓެޑްގެ ކުޅުންތެރިން އެނބުރި އިންގްލެންޑަށް އައުމަށް އަންގައިފި
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުޅުންތެރިން އިންގްލެންޑަށް އައުމަށް ވަނީ އަންގާފައި
ޖޫން މަހުގެ 8 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން

މެންޗެސްޓާ ޔުނއިޓެޑް ބޭރު ކުޅުންތެރިން އަންނަ އާދީއްތަ ދުވަހުގެ ކުރިން އެނބުރި އިންގްލެންޑަށް އައުމަށް އަންގައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޔުނައިޓެޑްގެ ބައެއް ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ އަމިއްލަ ގައުމަށް ގޮސްފައެވެ. އެގޮތުން ޕޯޗުގަލްގެ ފޯވާޑް ބްރޫނޯ ފެނާންޑޭސް އާއި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އާއި ސްވިޑެންގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފްގެ އިތުރުން އާޖެންޓީނާގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ އަމިއްލަ ގައުމަށް ގޮސްފައެވެ.

ޔުނައިޓެޑްގެ ބޭރު ކުޅުންތެރިން އެނބުރި އިންގްލެންޑަށް އައުމަށް އެންގީ ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނާތީ އެވެ. އެގޮތުން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އިންގްލެންޑަށް އަނބުރާ އަންނަ ކޮންމެ މީހަކު 14 ދުވަހު ކަރަންޓީނުގައި މަޑުކުރަން ޖެހޭއިރު، މީގެ ކުރިން ޗެލްސީން ވެސް ވަނީ އެޓީމުގެ ބޭރު ކުޅުންތެރިން އެނބުރި އިންގްލެންޑަށް އައުމަށް އަންގާފައެވެ.

ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން އާސެނަލާއި، ޓޮޓެންހަމް ހޮޓްސްޕާ އަދި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ވުލްވްސް އާއި ބްރައިޓަން އާއި ކްރިސްޓަލް ޕެލަސް އަދި ޝެފީލްޑް ޔުނައިޓެޑްގެ ކުޅުންތެރިން މި ހަފުތާގައި އެކަނި ތަމްރީނުތަކަށް ނުކުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް