ކ. މާލެ
|
6 މެއި 2020 | ބުދަ 22:23
ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ
ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޑިބާލާ ކޮވިޑް-19 އިން ރަނގަޅުވުން
ޔުވެންޓަސްގެ ފޯވާޑް ޑިބާލާ ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ
ޑިބާލާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާޗު މަހުގެ 21 ވަނަ ދުވަހު
މީގެ ކުރިން މަޓުއިޑީ އާއި ރުގާނީ ވަނީ ކޮވިޑް-19 އިން ރަނގަޅުވެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި އިޓަލީގެ ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ ރަނގަޅުވެއްޖެ އެވެ.

ޑިބާލާ އެންމެ ފުރަތަމަ މި ވައިރަހަށް ޕޮޒިޓިވްވީ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން މިދިޔަ ހަފުތާގައި ހެދި ޓެސްޓުންވެސް އޭނާ ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެކަމަކު ބުދަ ދުވަހު ޔުވެންޓަސް އިން ވަނީ ޑިބާލާ ވައިރަހުން އެއްކޮށް ރަނގަޅު ވެފައިވާ ކަން ހާމަކޮށްފައެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރޮޓޮކޯލްގެ ދަށުން ޑިބާލާ ދެ ފަހަރު ކޮވިޑް-19 އަށް ޓެސްޓުކުރި ކަމަސާއި، ދެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ޑިބާލާ ރަނގަޅުވިއިރު، މީގެ ކުރިން މި ވައިރަސް ޖެހުނު އެޓީމުގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އާއި ޑިފެންޑަރު ޑެނިއަލީ ރުގާނީ ވެސް ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އިން ސަލާމަތްވިއިރު، އެޓީމުން އަންނަނީ ފަރިތަކުރުންތައް ފެށުމަށް ތައްޔާރުވަމުންނެވެ.

މީގެ ކުރިން ކުޅުންތެރިން އެކަނި ތަމްރީނު ކުރުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދީފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބުތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަން ވަނީ ހާމަކޮށްފައެވެ. އަދި އިޓާލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުންދާތީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދާދި ފަހުން އެނބުރި އިޓަލީގެ ޓިއުރިންއަށް ގޮސްފައެވެ. އެކަމަކު ރޮނާލްޑީ ކަރަންޓީނުގައި 14 ދުވަސް ފުރިހަމަ ކުރާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމެދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް