ކ. މާލެ
|
6 މެއި 2020 | ބުދަ 17:02
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު ފުރިހަމަ ކުރުން
ލީގު ފުރިހަމަ ނުކުރާނަމަ ބާސާ އިން ޗެމްޕިއަންކަން ބޭނުމެއް ނުވޭ: ސެޓިއެން
ސްޕެނިޝް ލީގު ޖޫން މަހު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން
ބާސާ އެއްވަނައިގައި އޮތީ ދެ ޕޮއިންޓުގެ ފަރަގަކާ އެކު

ސްޕެނިޝް ލީގު ފުރިހަމަ ނުކުރާނަމަ، ޗެމްޕިއަންކަން ބޭނުން ނުވާ ކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މަރޗު މަހުގެ 10 ވަނަ ދުވަހު ސްޕެނިޝް ލީގު މެދުކަނޑާލިއިރު، ޖޫން މަހު އަލުން ލީގު ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުން ދީފައިވީ ނަމަވެސް، ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ހުއްދަ ދޭނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާނެ ތާރީޚެއްވެސް ކަނޑައަޅާފައެއް ނުވެއެވެ.

މީގެ ކުރިން ސްޕެއިންގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ވަނީ އަވަހަށް ލީގު ފަށަން ސަރުކާރުން ދެކޮޅުކަމަށް ރިޕޯޓުކޮށްފައެވެ.

ލީގު މެދުކަނޑާލިއިރު، ބާސާ އެއްވަނައިގައި އޮތީ ދެ ޕޮއިންޓުގެ ފަރަގަކާ އެކުއެވެ. ބާސާ އަށް 58 ޕޮއިންޓު ލިބިފައިވާއިރު، ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ސްޕެނިޝް ލީގުގައި ކޮންމެ ޓީމަކަށް ވެސް އަދި ބާކީ ނުކުޅެ 11 މެޗު އެބައޮތެވެ.

ބެލްޖިއަމްގެ ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ލީގު ކެންސަލް ކުރާނަމަ، ބާސާ އަށް ޗެމްޕިއަންކަން ދިނުން ހައްގު ނޫންކަމަށް ބުނެފައެވެ.

އެއަށް ރައްދު ދެމުން ބާސާގެ ކޯޗު ސެޓިއެން ބުނީ ލީގު ފުރިހަމަ ނުކުރާނަމަ، ބާސާ އިން ޗެމްޕިއަންކަން ބޭނުންނުވާ ކަމަށެވެ. އަދި ތާވަލަށް ބަލާއިރު، ލީގު ކެންސަލް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، ލީގު ފުރިހަމަ ކުރަން ހުރިހާ ކްލަބަކުންވެސް ބޭނުންވާނެ ކަމަށްވެސް ބުންޏެވެ.

ސްޕެނިޝް ލީގު ފުރިހަމަ ކުރަން ލަލީގާ އިން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލަލީގާގެ ވިސްނުމަކީ މި މަހު 18 ވަނަ ދުވަހު ޓީމުތަކުގެ ހުރިހާ ކުޅުންތެރިން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ފަށައި، އަންނަ ޖޫން މަހު ލީގުގެ މެޗުތައް ފެށޭނެ ހާލަތަށް ދިއުމެވެ.

އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ލަލީގާއިން ޔުއެފާ އަށް ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް