ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 4.7 މިލިއަން ފޭސް މާސްކް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ބުދަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އިސްމާއިލް ނާޝިދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ގިނަ ބާވަތްތަކެއް ރާއްޖެއަށް އެތެރެ ކުރަމުންދާ ކަމަށެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4.7 މިލިއަަން ފޭސް މާސްކް އެތެރެ ކުރެވިފައިވާ ކަމަށާއި، 248 މެޓްރިކް ޓަނުގެ ޑިސްއިންފެކްޓް ކުރާ ސާމާނާއި އަދި އޭގެ ބާވަތްތައް އެތެރެ ކުރެވިފާއިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ 59 ޓަނުގެ އަތްދޮންނަ ސާމާނުތައްވެސް އެތެރެ ކުރެވިފައިވާ ކަަމަށެވެ.
ސިއްހީ އާލާތްތައް ކްލިއަރ ކުރުމުގައި ޚާއްސަ ސަމާލުކަމެއްދޭއިރު، ގިނަ ޤައުމުތަކުން ރާއްޖެއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިގޮތަށް ފޯރުކޮށްދެވޭ ޞިއްޙީ އާލާތްތައް ބޭނުން ކުރުމަށް އިސްކަން ދެނީ ވެސް ކޮވިޑް-19ގެ ކަންތައްތަކުގައި އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ.
މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ އެކްސްޕޯޓަށް ބަލާއިރު، ރާއްޖެއިން ބޭރަށް ބޭރުކުރެވުނު މުދާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި 38 އިންސައްތަ ދަށްވެފައިވާކަން ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޮވިޑް-19ގެ މިދަނޑިވަޅުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ މުދާ އެކްސްޕޯޓު ކުރެވޭ ޤައުމުތަކުގެ ކަސްޓަމްސްއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ޝަރީފް ވިދާޅުވީ ފަސޭހަ ކަމާއެކު އެކްސްޕޯޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.