ކ. މާލެ
|
6 މެއި 2020 | ބުދަ 13:50
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ހާފެއްގެ ދިގުމިން ކުރު ކުރުން
ހާފެއްގެ ދިގުމިން 45 މިނެޓަށްވުރެ ކުރުކުރަން ލަފާ ދީފި
ހާފެއްގެ ދިގުމިން ކުރު ކުރަން ލަފާ ދިނީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުން
މީގެ ކުރިން ފީފާ އިން ވަނީ މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރަން ހުށަހަޅާފައި

އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފަށާއިރު، ހާފެއްގެ ދިގުމުން 45 މިނެޓަށްވުރެ ކުރު ކުރަން ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ލަފާ ދީފިއެވެ.

ޕީއެފްއޭއިން މިގޮތަށް ލަފާ ދީފައިވަނީ، މެދުކަނޑާލާފައިވާ ޕްރިމިއަރ ލީގު އަލުން ފެށުމާއި ގުޅޭ ގޮތުން ކުރިއަށްގެންދާ މަޝްވަރާ ތަކުގައެވެ.

ޕީއެފްއޭގެ ޗީފް އެގްޒެކެޓިވް ގޯޑަން ޓެއިލާ ވިދާޅުވީ ހާފެއްގެ ވަގުތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ 45 މިނެޓު، ކުރުކުރަން ލަފާ ދިނީ ފުޓްބޯޅަ އަލުން ފަށާއިރު އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ.

މީގެ ކުރިން ފީފާ އިން ވަނީ ފުޓުބޯޅަ ސީޒަން އަލުން ފަށާއިރު މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދު ބަދަލުކުރަން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އަށް ހުށަހަޅާފައެވެ.

ޕްރިމިއަރ ލީގު އަލުން ފެށުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ޕްރިމިއަރ ލީގުގައި ބާކީ ނުކުޅެ ހުރި ހުރިހާ މެޗެއް ސަޕޯޓަރުން ނުވައްދައި 10 ދަނޑެއްގައި ކުޅޭގޮތަށް ޕްރިމިއަރ ލީގުގެ ބޯޑުން ކްލަބުތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ މަރޗު މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހު އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއަރ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް