ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ކުދިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ފްލައިޓެއް ނުބޭއްވި ހިނގާދާނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ގިނަ އަދަދެއްގެ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކަމަށާއި، އަންނަން ބޭނުންވާ ދަރިވަރުން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއެކު ކުރަމުންދާ ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ދެހަފްތާއަކީ މާލެސިޓީއަށް އެންމެ ބިރުވެރި ދެހަފްތާ ކަމަށާއި، މިދުވަސްވަރު މާލެއައުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށެވެ. އަދި މިދެހަފްތާގައި ބޭރުގެ ގައުމަކުން ދަރިވަރުން ގެނައުމަށް ފްލައިޓެއް ނުބޭއްވި ހިނގާދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެހެން ނަމަވެސް މާލެއަށް މިހާރު އައިސްފައިވާ ހާލަތާއި ގުޅިގެން އަޅުގަނޑުމެން ކަރަންޓީން ފެސިލިޓީތައް މިހާރު އެވަނީ ފުރިފައި. އަދި އިތުރަށް ތަންތަނަށް ގެންދަން ޖެހޭ މީހުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެންނާނެ ކަމަށް ޑޮކްޓަރު އަންދާޒާ ކުރައްވާ. އެހެންވީމަ މިދެހަފްތާ ނުވެދާނެ. ބޭރުގެ ގައުމުތަކުގައި ތިބި ދަރިވަރުންނާ އެކޮމިއުނިކޭޝަން އޯޕަންކޮށް ކުރެވޭ. ގެނައުމުގެ މަސައްކަތް ކުރާއިރު އުފުރުސަތު ލިބިއްޖެއްޔާ އިތުރު އިންތިޒާމްތައް ރާވާއިގެން ވީވަރަކަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ފޮރިން މިނިސްޓްރީއިންޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް
ބެލަރޫސްގައި ކިޔަންވަން ތިބި ދަރިވަރުންނަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ އެގައުމުގައި ޖުމްލަ 139 ދަރިވަރަކު ތައުލީމް ހާސިލް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް އަންނަން ބޭނުންވާ ދަރިވަރުންގެ ލިސްޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހުނު ނުވަތަ ދަތިތައް ކުރިމަތިވި ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެއަށް ގެނެސްދީފައެވެ. އެގޮތުން ލަންކާ، އިންޑިއާ، މެލޭޝިއާ ގައުމުތަކުން ދިވެހިން ރާއްޖެއަށް ގެނެސްފައިވެއެވެ. މީގެ ތެރޭގައި ބޭސް ފަރުވާއަށް ގޮސް އުޅުނު ދިވެހިން ވެސް ހިމެނެވެ.