ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ އާއި ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިއާޓޯއާއި ޚާރިޖީ ވަޒީރު އަބްދުﷲ އަށް ވަކިވަކިން ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ގުޅޭ ގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ފޯންކޯލްތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ވައިރަސްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު އެ ދެބޭފުޅުންނަށް މިނިސްޓަރ ޝާހިދު ދެއްވާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު ވައިރަސް އިން ރައްކާތެރިވުމަށް ބަހްރައިން އާއި ހަންގޭރީއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެމަނިކުފާނު ތައުރީފް ކުރެއްވި ކަމަށެވެ.
ބަހްރައިންގެ ޚާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއަހަރު ދެ ޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ 40 އަހަރު ވާނެކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
ހަންގޭރީގެ ޚާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ސަބަބުން ޤައުމުތަކަށް ލިބޭ އިޤްތިޞާދީ އަދި މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މުޖްތަމައު އެކީގައި މަސައްކަތްކުރަން ޖެހޭކަމަށް ދެބޭފުޅުންވެސް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ..