ރާއްޖޭގެ ދަނޑުވެރިން އުފައްދާ ހުރިހާ ބާވަތްތަކެއްވެސް މިވަގުތު ދަނީ ގަންނަމުން ކަމަށާއި އެތަކެއްޗަށް ވަގުތުން ފައިސާ ދެމުންދާކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ހާރޫން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ރިސޯޓްތައް ހުއްޓުމަކަށް އައިސްފައިވާތީ ދަނޑުވެރިން ހައްދާފައިވާ ތަކެއްޗަށް ގެއްލުންވިޔަ ނުދިނުމަށް މިވަގުތު ގެންދަނީ އެހުރިހާ ތަކެއްޗެއް ގަންނަމުން ކަމަށެވެ.
އެހެންކަމުން ރަށު ކައުންސިލް މެދުވެރިކޮށް ފޯކަލް ޕޮއިންޓް ތަކަށް ގުޅާ އެތަކެތި މާލެއަށް ގެނެއުމުން ތަކެއްޗާއި ހަވާލުވުމަށް ފަހު ދަނޑުވެރިޔާއަށް ފައިސާ ދަނޑުވެރިޔާ ބޭނުންވާ ގޮތަކަށް ދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެގޮތަކަށް ފައިސާ ދެމުންދާ ކަމަށާއި އެއްގޮތަކީ ވަގުތުން އަތަށް ފައިސާ ދިނުން ކަމަށާއި އަނެއް ގޮތަކީ އެފަރާތަކުން ބޭނުންވާ އެކައުންޓަކަށް ޓްރާންސްފަރ ކުރުން ކަމަށެވެ.
ހާރޫން ވިދާޅުވީ އެތަކެތި ބަހައްޓަމުން ދަނީ މާލޭ ލޯކަލް މާރުކޭޓްގައި ކަމަށާއި ފިހާރަތަކުން އޯޑަރު އަންނަ ވަރަކަށް އެތަކެތި ސަޕްލައި ކުރަމުންގެންދާ ކަަމަށެވެ.
ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަން އާލާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ
ލޮކްޑައުން ނިމި މާލޭ އާންމި ހާލަތަށް ދިޔަ ނަމަވެސް މަަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.
ދަނޑުވެރިއާއައި ބައްދަލުކޮށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ހެދި ވަކި ކަހަލަ ތަކެތި އުފެއްދުމަށްޓަކައި ދަނޑުވެރިޔާއަށް ބާރު އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ފަންނީ ގޮތުންނާއި މާލީ ގޮތުން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީގެން ދަނޑުވެރިޔާ އުފައްދައު ތަކެތި ގަންނާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އެތަކެތި ގަނެގެން ގެނެސް ސަޕްލައި ކުރުމަށް ހަމަޖައްސާފައިވަނީ ރިސޯޓްތަކަށާއި މާލެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.