ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެން ފުށުމާއި ގުޅިގެން، މާލެ ޞަރަޙައްދު ފުރަބަންދު ކުރިނަމަވެސް ޝަރުޢީ ދާއިރާ އެއްކޮށް ނުހުއްޓި މަސައްކަތްތައް ކުރިއަށްދާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ލަފާދީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖުޑީޝަރީ ކޮމެޓީގެ ރިޕޯޓު ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ރިޕޯޓަކީ، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި، ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ ޢާޒިމް، މިއަހަރުގެ މާރޗު މަހުގެ 30 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖުޑީޝަރީ ކޮމެޓީން ތައްޔާރުކުރި ރިޕޯޓެކެވެ.
ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވާގޮތުގައި، ކޮމެޓީގެ ހުށަހެޅުންތަކުގެ މައިގަނޑު ޢަމާޒަކީ، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަށް ކުރިމަތިލުމުގައި މުޅި ދައުލަތާއި އެންމެހައި މުއައްސަސާތަކެއް އެކުގައި މަސައްކަތްކުރެވޭނޭ ގޮތްވުމާއި، މިގޮތުން ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި ޝަރުޢީ ދާއިރާގައި ހިމެނޭ އެންމެހައި މުއައްސަސާތަކެއްގެ މަސައްކަތްތައް މިޙާލަތުގައި އެއްކޮށް ނުހުއްޓި މަސައްކަތްކުރެވޭނޭ ގޮތްވުން ކަމަށެވެ.
އެގޮތުން، މަސައްކަތްކުރާއިރު އިންސާނީ ޙައްޤުތަކުގެ މައިގަނޑު މަބްދަޢުތައް ނެތިނުދާނެހެން އެކަންކަން ނެގެހެއްޓުމާއި، ޤާނޫނީ ވެރިކަން ހިނގާކަން ކަށަވަރުކުރުމާއި، އިންސާފަށް ވާޞިލުވުމުގެ ޙައްޤު ކަށަވަރުކުރުމާއި، ދިގު މުއްދަތަކަށް މިނިޒާމު ހުއްޓިއްޖެނަމަ ދެން ކުރިމަތިވާނޭ ބޮޑެތި ގެއްލުންތަކާއި ގޮންޖެހުންތައް ކުޑަކުރުމާއި، މައްސަލަތައް ނުބެލި ތޮއްޖެހޭގޮތްވުން ކުޑަކުރުން ކަމަށްވެސް ޖުޑީޝަރީ ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މިގޮތުން، ޖުޑީޝަރީ ކޮމެޓީގެ މި ރިޕޯޓުގައި، ޝަރުޢީ ދާއިރާގައި ހިމެނޭ މުއައްސަސާތަކަށް ވަކިވަކިން ހުށަހެޅުންތަކެއް ހުށަހަޅާފައި ވެއެވެ.