ކ. ތުލުސްދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ ފަރާތްތައް އެރަށުން އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ގޮވާލައި, އެރަށު ރައްޔިތުން އިހްތިޖާޖުކޮށްފި އެވެ.
ހޯމަ ދުވަހުގެ ރޭ ކުރެވުނު އިހުތިޖާޖާއި ގުޅިގެން ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖްއަށް ދެއްވި ބަސްތީގަތުމެއްގައި، ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް ވިދާޅުވީ ރަށުން ޕޮޒިޓީވްވި ތިން ބިދޭސީންގެ ގްރޫޕްގައި ހިމެނޭ ފަރާތްތައް އެހެން ތަނަކަށް ބަދަލުކުރުމަށް އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވާ ކަމަށެވެ.
މިހާރު ރަށުން މި ޕޮޒިޓިވްވެގެން ކަރަންޓީނުކޮށްފައި ހުރި ގެއަކުން، ރޭގައި ނެގި ދެ ސާމްޕަލް އިން އެއް ސާމްޕަލް ޕޮޒިޓިވް. ދެން އަދިވެސް އެގޭތެރޭގައި އެބައުޅޭ 12 މީހުން. އެއްވެ ތިބި މީހުން ޑިމާންޑް ކުރަނީ އެމީހުން އޭނަ ގެންދާއިރު އެ އެންމެންވެސް ގެންގޮސްދޭން.ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް
ކައުންސިލްގެ ރައީސް ވިދާާޅުވީ އެ ގްރޫޕްއަކީ ސްޓެލްކޯގެ ކޮންޓްރެކްޓު މަސައްކަތެއް ކުރުމަށް އައިސްތިބި، 12 މީހުންގެ ގްރޫޕެއް ކަމަށެވެ. އަނީސް ވިދާޅުވީ އިހުތިޖާޖު ކުރަމުންދަނީ 30 އެއްހާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންކަން ފާހަގަކުރައްވާ އަނީސް ވިދާޅުވީ، ފުލުހުންނާއި ކައުންސިލުން ދަނީ އިހުތިޖާޖު ހުއްޓާލުމަށް އިރުޝާދުދީ ނަސޭހަތްތެރިވަމުންކަމަށެވެ.
އެ ފަރާތަތްތަކުގެ ކަންބޮޑުވުންތައްވެސް ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރެވުނު ކަމަށްވެސް އަނީސް ވިދާޅުވި އެވެ. އަދި ކަންތައްތައް ކުރަމުންގެންދާނީ ޕްރޮޓޮކޯލްއާއި އެއްގޮތަށް ކަމަށާއި މިހާތަނަށްވެސް ކަންތައް ކުރެވިފައިވަނީ ވެސް އުސޫލާއި އެއްގޮތަށް ކަމަށެވެ.
ތުލުސްދޫގެ މޮނީޓަރިންގެ ހާލަތުގެ މުއްދަތު އިތުރުވަމުންދާތީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށްވެސް އަނީސް ވަނީ ފާހަގަކުރައްވާފަ އެވެ. ތުލުސްދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ 21 އޭޕްރިލް ގައެވެ.