ކ. މާލެ
|
5 މެއި 2020 | އަންގާރަ 00:41
ހާތާ ބާލިންގެ ފޯވާޑް ސަލޮމޮން ކަލޫ
ހާތާ ބާލިންގެ ފޯވާޑް ސަލޮމޮން ކަލޫ
ގެޓީ އިމޭޖަސް
ކަލޫ ސަސްޕެންޑް ކުރުން
ހާތާ ބާލިން އިން ކަލޫ ސަސްޕެންޑް ކޮށްފި
ކަލޫ ވަނީ ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފުވެފައި

ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފުވުމުން، ހާތާ ބާލިންގެ ފޯވާޑް ސަލޮމޮން ކަލޫ ސަސްޕެންޑް ކޮށްފި އެވެ.

ޗެލްސީ އަށް މީގެ ކުރިން ކުޅެފައިވާ އުމުރުން 34 އަހަރުގެ ކަލޫ ވަނީ ހާތާ ބާލިންގެ ކުޅުންތެރިންތަކަކާ ސަލާން ކުރާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެކަމަކު ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ އެ ވީޑިއޯ ޑިލީޓް ކޮށްފައެވެ.

އެކަމަކު ހާތާ ބާލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަރުމަން ލީގު އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަލޫގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި، އެހެންކަމުން އޭނާ ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކަލޫ އެޓީމުގެ ކުޅުންތެރިންނާ ސަލާންކުރީ އޭނާ ކޮވިޑް-19 އަށް ޓެސްޓު ކޮށް، ނަތީޖާ ނެގެޓިވްވުމާ ގުޅިގެން އުފާފާޅުކުރުމުގެ ގޮތުންނެވެ. އެކަމަކު ކަލޫ ފަހުން ވަނީ އެކަމަށް މާފަށް އެދިފައެވެ.

ޖަރުމަން ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ޖަރުމަންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކުޅުންތެރިން މިހާރު ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. ޖަރުމަންގެ ދެ ޑިވިޝަނުން 1،724 ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، 10 ކުޅުންތެރިއަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ ކުރިން ކޮލޯންގެ ތިން ކުޅުންތެރިއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ޖަރުމަނުގައި ފުޓްބޯޅަ މެޗުތައް މާޗު މަހު 13 ވަނަ ދުވަހު މެދުކަނޑާލިއިރު، ޖަރުމަން ލީގު ދެން ފަށާނީ މި މަހުގެ 16 ނުވަތަ 23 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް