މާލެއިން، ވެލިދޫއަށް އައުމަށް 49 ފަރާތެއް ނަން ނޯޓުކޮށްފައިވާކަމަށާއި، ވެލިދޫ އިން މާލެ ދިޔުމަށްޓަކައި 30 މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ކުރިއަށް ގެންދާ ކޮވިޑް-19 އާ ގުޅޭ ހާއްސަ ކަވަރޭޖަށް ދެއްވި ފޯން އިންޓަރވިއުއެއްގައި އަސްމާ ވިދާޅުވީ މީހުން އައުމާއި ރަށުން ފުރުމުގައި އަމަލު ކުރަމުންދާ އުސޫލު އާންމު ކުރުމުގެ އެ އުސޫލާއި އެއްގޮތަށް ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މާލެ އިން ވެލިދޫއަށް ރައްޔިތުން ގެނެވޭއިރު 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި 26 މާރޗުގައި ޕޯޓަލް ޑެސްކެއް ޤާއިމުކޮށްފައިވާކަން ފާހަގަކުރައްވާ އަސްމާ ވިދާޅުވީ ރަށަށް އަރާ ފައިބާ މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
އަސްމާ ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ކޭސްތައް ފެނުމުގެ ކުރިން ވެސް ވެލިދޫ ސިއްހީ މަރުކަޒުން ވަނީ ރަށުގެ ރައްޔިތުންގެ އިތުރުން ބިދޭސީންނަށް މި ވައިރަސްއާ ބެހޭ މައުލޫމާތު ފޯރުކޮށްދޭން ފަށާފައި ކަމަށެވެ.
ހޮސްޕިޓަލުގައި އައިސޮލޭޝަން ވޯޑެއް ޤާއިމުކޮށް، ޓާސްކްފޯސް ވެސް އެކުލަވާލާފައިވާ ކަމަށާއި ފްލޫ ކްލިނިކެއް ޤާއިމުކޮށްފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި ރަށުގައި އަޅާ ފިޔަވަޅުތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން އަސްމާ ވިދާޅުވީ މަސްވެރިކަމަށް ވިޔަސް އެހެންކަމެއްގައި ވިޔަސް ރަށުގެ ރައްޔިތުން ރަށުން ބޭރުންވާނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ފިހާރަތައް ހެނދުނު 09:00 ހަވީރު 03:00 އަކަށް އާންމުންނަށް ވަދެވޭނެ ގޮތަށް ހުޅުވިފައި ހުރި ނަމަވެސް އެހެންނަމަވެސް ގަޑިތަކުގައި ފިހާރަތަކުން ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.
ރޯގާގެ އަލާމަތެއް ފެންނަ ކަމުގައިވާ ނަމަވެސް ހޮސްޕިޓަލުގެ ނަންބަރަށް ގުޅުމަށްފަހު އައުމަށް ހުރިހާ ރައްޔިތުންނަށް ވާނީ އިރުޝާދު ދެވިފައިވާ ކަމަށް ވެސް އަސްމާ ވިދާޅުވިއެވެ. އަސްމާ އިތުރަށް ވިދާޅުވީ ވެލިދޫގައި ސާމްޕަލް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި މިހާރު އެކަކުގެ ސާމްޕަލް ނަގާ، ދެވަނަ ސާމްޕަލް ވެސް ފޮނުވާފައިވާ ކަމަށެވެ.
400 އަށްވުރެން ގިނަ ބިދޭސީން ވެލިދޫގައި އުޅެމުންދާއިރު އެ ހުރިހާ ފަރާތްތަކުގެ މައުލޫމާތުތައް ވެސް ލިސްޓް ކުރެވިފައިވާ ކަމަށް އަސްމާ ފާހަގަކުރެއްވިއެވެ.