ކ. މާލެ
|
4 މެއި 2020 | ހޯމަ 20:41
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ
ގެޓީ އިމޭޖަސް
ޑިބްރޭނާ ސިޓީ ދޫކޮށްލަނީ
ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ޑިބްރޭނާ ދީފި
ސިޓީ ވަނީ ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައި
މި މައްސަލަ ސިޓީން ވަނީ އިސްތިއުނާފު ކޮށްފައި

ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައިވާ މެންޗެސްޓާ ސިޓީ އަށް އެ އަދަބުން ލުޔެއް ނުލިބިއްޖެނަމަ، މުސްތަގުބަލާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ މެންޗެސްޓާ ސިޓީން ޚިލާފުވެފައިވާތީ އެ ޓީމު ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރަން ނިންމާފައެވެ. ޔުއެފާއިން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުން، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުގައި އެޓީމަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޔުއެފާއިން ވަނީ އެޓީމު 30 މިލިއަން ޔޫރޯ އިން ޖޫރިމަނާވެސް ކޮށްފައެވެ. އެކަމަކު ސިޓީން މިހާރު ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އިސްތިއުނާފު ކޮށްފައެވެ.

ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑިބްރޭނާ ބުނީ ސިޓީން އެ މައްސަލަ އިސްތިއިނާފުކޮށް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެކަމަކު އިސްތިއުނާފު ކާމިޔާބު ނުވެއްޖެ ނަމަ، ދެ އަހަރު ޔޫރަޕްގެ މުބާރާތްތަކުގައި ވާދަނުކޮށް ހުންނަން އުނދަގޫ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މާޗު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގު އޮތީ މެދުކަނޑާލާފައެވެ. ޖޫން މަހު އަލުން ލީގު ފަށަން މަސައްކަތްކުރަމުން އަންނައިރު، ޑިބްރޭނާގެ އުއްމީދަކީ ވީ އެންމެ އަވަހަކަށް ލީގުގެ މެޗުތައް ފެށުމެވެ.

ސިޓީގެ ސަސްޕެންޝަނާ ގުޅިގެން ކްލަބު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ޑިބްރޭނާ ދިންއިރު، ރިޕޯޓުތައް ބުނާ ގޮތުން އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލާނެ އެވެ.

2015 ވަނަ އަހަރު ސިޓީއާ ގުޅުނު ޑެބްރޭނާ އަންނަނީ އެތީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 209 މެޗުގައި 50 ލަނޑު ޖަހާފައެވެ. އަދި ޑިބްރޭނާ ވަނީ ސިޓީ އާއެކު ޕްރިމިއާ ލީގު ދެފަހަރު ކާމިޔާބުކުރުމުގެ އިތުރުން އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް