Advertisement
ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 16:40
ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން
ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން
ޕީޕަލް މެގަޒިން
ސައުދަށް މަރުހަބާ ކިޔުން
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
ސައުދު ހުސެއިން އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން
އިސްލާހީ މަސައްކަތްގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ސަރުކާރުން ގެންދަނީ ޖެއްސުންކުރަމުން

ރައީސް ޔާމީންގެ ފެކްޝަންގައި ހުންނެވުމަށް ފަހު، މިހާރު ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަރާވަޑައިގެން އިދިކޮޅު އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިންއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.

އެމްޑީޕީން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސައުދު ހުސެއިން އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުން ވެސް ދިވެހި ރައްޔިތުންގެ ކޮޅަށް އަރައިވަޑައިގަތުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނިގޮތުގައި މަޖިލީހުގައި ނެގި އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު އިދިކޮޅު މެނބަރުނާއި، އިސްލާހަށް މަސައްކަތްކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ސަރުކާރުން ގެންދަނީ އެކި ޖެއްސުންތައްކޮށް، ބިރުދައްކަމުންނެވެ. އެގޮތުން އެ ވޯޓަށް ފަހު ސަރުކާރުގެ ސުޕަ މެޖޯރިޓީ ގެއްލުނުކަން އެނގުމުން، އިސްލާހީ މަސައްކަތާ ގުޅިފައިވާ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ބިރުދައްކަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.     

އެމްޑިޕީން ދެކޭ ގޮތުގައި އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރު ކުރަނީ، ގުޅިފައިވާ ކޯލިޝަންގެ މަސައްކަތްތައް ހުއްޓުވުމަށެވެ.

އެމްޕީ ސައުދު ނެންގެވި ސްޓޭންޑަކީ ނަމޫނާ ސްޓޭންޑެއްކަން ފާހަގަ ކުރަމުން އެމްޑީޕީން ބުނީ، މަޖިލީހުގެ އެހެން މެންބަރުން ވެސް މިވަގުތު އެ ތިއްބެވި ކަސްތޮޅުން ނެއްޓި ރައީސް ޔާމީންގެ ރަބަރ ސްޓޭމްޕް ތައްގަޑުތަކެެއްހެން ނުތިއްބަވާ، މިނިވަންކަމާ އެކު އެބޭފުޅެއްގެ މަަސައްކަތުގައި ތެދުވުމަށް ގޮވާލާކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ ލާބައަށް ގާއިމްކޮށްފައިވާ މުއައްސަސާތަކުންނާއި، އެންމެހާ އިދާރާތަކުން ސިޔާސީ ނުފޫޒުން އެއްކިބާވެ،  ގާނޫނު އަސާސީއާ އެއްގޮތަށް ރައްޔިތުންޓަކައި ހެދިފައިވާ ގާނޫނުތަކާއި ގާވާއިދުތަކައް އަމަލުކުރެއްވުމަށް އެ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް