ކ. މާލެ
|
4 މެއި 2020 | ހޯމަ 17:12
އައިއޯއައިޖީގެ ދިދަ ރަސްމީކޮށް ރާއްޖެއާ ހަވާލުކުރުން
އައިއޯއައިޖީގެ ދިދަ ރަސްމީކޮށް ރާއްޖެއާ ހަވާލުކުރުން
އެމްއޯސީ
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުން
އައިއޯއައިޖީ އަށް މިއަހަރު ތައްޔާރު ނުވެވިއްޖެނަމަ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ: މަހުލޫފް
2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ވަނީ ލިބިފައި
މިއަހަރުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރަން ކުރިން އޮތީ ނިންމާފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ މަސައްކަތް މި އަހަރު ނުފެށިއްޖެނަމަ، ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެގާރަވަނަ އައިއޯއައިޖީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމީ މިދިޔަ އަހަރު އޮތް އައިއޯއައިޖީ ކައުންސިލް ބައްދަލުވުމުގަ އެވެ. މިއީ ބައިނަލްއަގުވާމީ ގޭމްސް އެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާއިރު، މިކަމަށް ހާއްސަ ކޮމިޓީއެއް ރާއިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެކުލަވާލާފަ އެވެ. އެކަމަކު ކޮވިޑް-19 ގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާއިރު، އައިއޯއައިޖީ އަށް ތައްޔާރުވުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާ މިދަނޑިވަޅުގައި މި ގޭމްސް އަށް ތައްޔާރުވާނެ ގޮތާއި މެދު ކޮންމެ ދުވަހަކު ވިސްނަވާ ކަމަށެވެ. އެގޮތުން ގޭމްސް އަށް ތައްޔާރުވުމުގެ ގިނަ މަސައްކަތްތައް ކުރާ ގޮތަށް ނިންމާފައި އޮތީ މިއަހަރުގައި ނަމަވެސް، މިވަގުތު ފެންނަ މަންޒަރުތަކުން ފެނިވަޑައިގަންނަވަނީ މިކަމަކީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ގޭމްސް އަށް ތައްޔާރުނުވެވިއްޖެނަމަ، ބޮޑު ގެންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިއިރު، ސަރުކާރުން ކުރިން ނިންމާފައި އޮތީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން 2023 ވަނަ އަހަރުގެ ގޭމްސް ކުރިޔަށްގެންދިއުމެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެޕޫލަކީ 2023 ވަނަ އަހަރުގެ ގޭމްސް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު މީގެ ކުރިން ވަނީ ދެއްވާފަ އެވެ. އަދި ވ. އަތޮޅުގައި އިންޑޯ ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށާއި އެ އަތޮޅުގައި އައިއޯއައިޖީގެ ފިރިހެން ވޮލީ މެޗެއް ކުޅުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް