ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި، ސަގާފީ މަސައްކަތްތެރިންނާއި، ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މައުނަވީ ސަގާފީ ތަރިކަ ދަފްތަރުކޮށް، ގިންތިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، ރަށްތަކުގައި ކުރަމުންދާ އެކިއެކި ދިވެހި ސަގާފަތާއި އާދަކާދަ އާއި ގުޅުން ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު އެއްކޮށް، މިފަދަ މަސައްކަތްކުރާ މަސައްކަތްތެރީންނާއި އަދި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި، ސަގާފަތް ދައްކުވައިދިނުމަށް އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ބޭނުންވާ ކަމަށެވެ.
މިމައުލޫމާތުތައް އެއްކޮށް، ދަފްތަރުކޮށް ބެލެހެއްޓުމާއި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ އެންމެންގެ ޒިންމާއެކަން ފާހަގަކޮށް އެމަރުކަޒުން ބުނީ ސަގާފީ މަސައްކަތް ކުރާ މަސައްކަތްތެރީންނާއި އަދި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި، ސަގާފަތް ދައްކުވައިދިނުމަށް އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުން މިމަހުގެ 12ގެ ކުރިން އެ މަރުކަޒުގައި ރަޖިސްޓްރީ ވުމަށް އެދޭ ކަމަށެވެ.
މައުލޫމާތު އެއްކުރުމަށް ތައްޔާރުކޮށްފައިވާ "ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި، ސަގާފީ މަސައްކަތްތެރިންނާއި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގައި ދަފްތަރު ކުރުމަށް އެދޭ ފޯމު" ފުރުމަށްފަހު އެ މަރުކަޒަށް ފޮނުވަން އެދިފައިވެއެވެ.
ފޯމު [email protected] އަށް ނުވަތަ [email protected] އަށް އީމެއިލް ވެސް ކުރެވިދާނެއެވެ. ނުވަތަ 7947266 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށްވެސް ފޮނުވޭނެއެވެ.
ސަގާފީ މަސައްކަތްތެރީންނާއި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތަކާއި ސަގާފަތް އެކިއެކި ފަރާތްތަކަށް ދެއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުންhttp://bit.ly/NCCHRegistrationލިންކު މެދުވެރިކޮށް އޮންލައިންކޮށްވެސް ދަފްތަރު ކުރެއްވޭނެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެއެވެ.