ކ. މާލެ
|
4 މެއި 2020 | ހޯމަ 10:33
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު އަލުން ފެށުން
"އިޓާލިއަން ލީގު އަލުން ފެށުމާ މެދު ވާހަދެއްކުން އަދި އަވަސް"
މެއި 27 އާއި ޖޫން 2 އާ ދެމެދު އިޓާލިއަން ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާ އިޓާލިއަން ލީގު އަލުން ފެށުމާ މެދު ވާހަކަދެއްކުން އަވަސް ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ނުރައްކާ އިޓަލީގައި މީގެ ކުރިން ބޮޑުވި ނަމަވެސް، ފަހަކަށް އައިސް އެ ގައުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

އެގޮތުން ދާދި ފަހުން އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޮންޓޭ ވަނީ އިޓަލީ މިހާރު ތައްޔާރުވަމުން އަންނަނީ ލޮކްޑައުނަށް ލުއިތަކެއްދީ ފުޓްބޯޅަ އަލުން ފެށުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޅުންތެރިން އެކަނި ތަމްރީނު ކުރުމުގެ ހުއްދަ ދީފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބުތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެއަށްފަހު ސީޒަން ފުރިހަމަ ކުރެވޭނެ ހާލަތެއް އޮތްތޯ ބަލާނެ ކަމަށެވެ.

އެކަމަކު އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވީ އަދި ހާލަތު އެއްކޮށް ރަނގަޅުނުވާ ކަމަށާއި ލީގު އަލުން ފެށުމާ މެދު ވާހަދެއްކުން އަދި އަވަސް ކަމަށެވެ. މި ދަނޑިވަޅުގައި މުހިންމީ ކުޅުންތެރިންގެ ސިއްހަތު ކަމަސާއި، އެކަމަކު ހާކަތު ތަންދޭނަމަ ލީގު އަލުން ފަށާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިޓާލިއަން ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު، މީގެ ކުރިން އިޓާލިއަން ލީގުގެ ހުރިހާ ކްލަބަކުން ވަނީ ލީގު ފުރިހަމަ ކުރަން ރުހުން ދީފައެވެ. އަދި ދާދި ފަހުން އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވަނީ އެއްވެސް ހާލަތެއްގައި ލީގު ކެންސަލް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އިޓާލިއަން ލީގު އަލުން ފަށަން ހުރިހާ ކްލަބަކުން ރުހުން ދިންއިރު، މެއި މަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމެދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން މަސައްކަތް ކުރަމުން އަންނަކަމަށް މިޑިއާ ރިޕޯޓުތައް ބުނެއެވެ. އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، 8 ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ.

އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަރސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް