ކ. މާލެ
|
3 މެއި 2020 | އާދީއްތަ 20:35
ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން
ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގު އަލުން ފެށުން
ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދައި 10 ދަނޑެއްގައި ކުޅެނީ
ޖޫން މަހުގެ 8 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން
މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްރިމިއާ ލީގުގެ ކްލަބުތައް ތަމްރީނުތައް ފަށާނެ

މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ ހުރި ހުރިހާ މެޗެއް ސަޕޯޓަރުން ނުވައްދައި 10 ދަނޑެއްގައި ކުޅޭގޮތަށް ޕްރިމިއާ ލީގުގެ ބޯޑުން ކްލަބުތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފައެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ އޮތް 92 މެޗު ކުރިއަށްގެންދާނެ ގޮތަކާ މެދު ކްލަބުތަކާ މަޝްވަރާކުރިއިރު، ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ހުށަހަޅާފައިވަނީ ތަފާތު 10 ދަނޑެއްގައި މެޗުތައް ކުޅޭށެވެ. އެ ދަނޑުތައް އިޚުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

އެކަމަކު ބްރައިޓަންގެ ޗީފް އެގްޒެކްޓިވް ޕޯލް ބާބާ ވިދާޅުވީ ދެން އެއްވެސް މެޗެއް އަމިއްލަ ދަނޑުގައި ކުޅެލުމުގެ ފުރުސަތު ނުލިބޭ ގޮތަށް މި ފަހަރުގެ ލީގު ކުރިއަށްގެންދާނަމަ އެއީ އަންނާނެ ހުސްކަމެއް ކަމަށާއި އެކަމަކު މިއީ ވެސް ލީގު ނިންމަން ޖެހިދާނެ ގޮތެއް ކަމަށެވެ.

ޕްރިމިއާ ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްރިމިއާ ލީގުގެ ކްލަބުތައް ތަމްރީނުތައް ފަށާނެއެވެ. މީގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލާއި ބްރައިޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ކުޅުންތެރިން އެކަނި ތަމްރީނު ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ. ލީގު މެދުކަނޑާލިއިރު އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް