ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ޤައުމުތަކުގައި އިޢުލާންކޮށްފައިވާ ފުރަބަންދަށް ދޫދޭން ޖެހޭނީ މަޑު މަޑުން ކަމަށާއި، އަނެއްކާވެސް ވައިރަސް އިތުރަށް ފެތުރިދާނެ ކަމަށް ސަމާލުވެގެން ތިބުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިލްތިމާސް ކޮށްފިއެވެ.
ވައިރަސް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ވިޔަސް ޢާންމުންގެ ތެރޭގައި ގައިދުރުކަމަށާއި، ސާފުތާހިރު ކަމުގެ އިތުރުން ބައްޔަށް ޝައްކުވާ މީހުންގެ ޓެސްޓުތައް ކުރިޔަށް ގެންދިޔުމަށް ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޖަމްޢިއްޔާގެ ޓޮޕް އިމަރޖެންސީ އެކްސްޕަރޓް ޑރ. މައިކަލް ރާޔަން ވަނީ ޤައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.

ޔޫރަޕް އަދި ދެކުނު އެމެރިކާގެ ޞަރަޙައްދުތަކުގައި ވައިރަސް ފެތުރެން ފަށާފައިވަނީ ދޮށީ އުމުރުގެ މީހުން ބަލަހައްޓަމުންދާ ތަންތަނުގައި ކަމަށްވާއިރު، ސިންގަޕޫރު ފަދަ ޤައުމުތަކުގައި ބަލި ނުރައްކާ މިންވަރަށް ފެތުރެމުންދަނީ އެ ގައުމުގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅޭ ތަންތަނުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޑރ. ރާޔަން ވިދާޅުވީ، ދިމާވާ ޙާލަތަކުން ކަންތައްތައް ކުއްލިއަކަށް ގޯސްވެގެންދާ ކަމަށެވެ.
ޔޫރަޕުގެ ޤައުމުތަކުން ފުރަބަންދަށް ދޫދޭން ފަށާފައިވާއިރު، އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ވައިރަސް މިހާރު ފެތުރެމުންދާ ގޮތާމެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޔޫރަޕުގެ ބައެއް ޤައުމުތަކުން ދަނީ ފުރަބަންދަށް ދޫދީ ސްކޫލުތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ޕާކްތަކުގެ އިތުރުން ބައެއް ސެލޫންތައް ހުޅުވަމުންނެވެ.

ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) އަކީ ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވޫހާން ސިޓީން މިދިޔަ އަހަރު ފެތުރެން ފެށި ވައިރަސްއެކެވެ. އެކަމަކު އެ ވައިރަސްއަކީ ޗައިނާގެ ލެބޯރެޓަރީއެއްގައި އުފެއްދި ވައިރަސްއެއްކަމަށް އެމެރިކާއިން އިން ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމާގުޅޭ ގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޯމް ގެބްރިއޭސަސް ވިދާޅުވީ، މިހާތަނަށް ސައިންސްވެރިން ހޯދާފައިވާ ހޯދުން ތަކުން އެނގޭގޮތުގައި އެ ވައިރަސްއަކީ ''ނެޗުރަލް ވައިރަސް'' ނުވަތަ ޤުދުރަތީ ގޮތުން އުފެދުނު ވައިރަސްއެއް ކަމަށެވެ.
ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑު ކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ޖެނުއަރީ މަހު ކަނޑައަޅާފައެވެ. ޓެޑްރޯސް ވިދާޅުވީ، ބަލިމަޑުކަމަށް ތައްޔާރުވުމަށް ދުނިޔޭގެ ގިނަ ޤައުމުތަކަށް އެކަށީގެންވާ ވަގުުތު ދެވުނު ކަމަށެވެ. އަދި ބަލި ފެތުރިދާނެ ކަމުގެ އިންޒާރު ހުރިހާ ޤައުމަކަށްވެސް ކުރިޔާލާ ދީފައިވާނެ ކަމަށެވެ.
އެންމެ ފަހުގެ ޑޭޓާތަކައް ބަލާއިރު، ދުނިޔޭގެ 215 ޤައުމަކުން/ ޓެރިޓަރީސްއަކުން ޖުމުލު 3,484,499 ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދީގެން 1,121,601 މީހުން ފަސޭހަކުރެވިފައިވާއިރު، 244,781 މީހުންވަނީ މަރުވެފައެވެ. މިހާރުވެސް ދުނިޔޭހެ އެކިކަންކޮޅުތަކުގައި 2,118,117 މީހުން ފަރުވާ ހޯދަމުންދާއިރު، މީގެތެރެއިން 50,859 މީހުންގެ ޙާލަތު ވަރަށް ސީރިއަސްކަން ޑޭޓާތަކުން އެނގެއެވެ.