ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ބަލީގެ އަލާމާތްތައް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރ ، ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ކޮވިޑް-19 ގެ ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް ރާއްޖޭގައި ޕޮޒިޓިވްވެފައިވަނީ 481 މީހުންނެވެ. އޭގެތެރެއިން ބަލީގެ އަލާމާތްތައް ފެނި ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 59 އިންސައްތަ މީހުންނެވެ. އަދި ވައިރަސް ހުރި ކަމުގެ އަލާމާތެއް ނުފެނި ވައިރަސް އަށް 41 އިންސައްތަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ ގިނަ މީހުންނަށް ވައިރަސް ޖެހެނީ އެހާ ސީރިއަސް އަލާމާތްތަކެއް ނުފެނި އާންމު ހާލަތުގައި ކަމަށެވެ. އަލާމާތެއް ނުފެނި ބަލިޖެހުމުން ހަށިގަނޑުން އަލާމާތެއް ފެންނަވަރަށް އަސަރު ނުކޮށް އަދި އެހެން ހުރެގެން ރަނގަޅުވެގެންދާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. ބަލީގެ އަސަރު އެހާ ބޮޑަށް ހަށިގަނޑަށް މިހާލަތުގައި ނުކުރާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
އެހެންނަމަވެސް މިކަމުގައި އޮތް ކަންބޮޑުވުމަކީ ބަލީގެ އަލާމާތް ނުފެނި ގިނަ ބަޔަކަށް ބަލި ޖެހުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުންކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އަލާމާތްތައް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވުމުން ބަލި ހުންނަ މީހާ ފާހަގަކުރަން އުނދަގޫވެ، ކޮންޓެކްޓް ޓްރޭސިންގ ފަދަ ކަންކަން ކުރިޔަށް ގެންދަން އުނދަގޫވެ ގިނަ ބަޔަކު ކޮންޓެކްޓް ޓްރޭސިންގ ތެރޭގައި ހިމެނެއެވެ.
ނަމަވެސް މިފަދަ ބަލިތަކުގައި އަލާމާތް ނުފެނި ބަލި ހުންނަކަން އެނގުމުގެ ސަބަބުން ކުރާ ފައިދާއެއްވެސް އޮންނަ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
މިކަހަލަ ބަލިތަކުގައި ބަލި އެސިމްޕްޓޮމެޓިކްކޮށް ފެނުން އެއީ ވަރަށް ރަނގަޅު ކަމެއް. މިފަދަ ބައްޔަކުން އަރައިގަނެވެން އޮންނަނީ އާބާދީގެ ގިނަ ބަޔަކަށް އިމުޔުނިޓީ ލިބިގެން. އެހެންކަމުން އާބާދީގެ ގިނަ ބަޔަކަށް އަލާމާތްތައް ނުފެނި ބަލި ޖެހޭ ކަމަށްވާނަމަ އެއީ އެއް ގޮތަކުން ބަލާނަމަ ރަނގަޅު ކަމެއް. އެއީ ބަލީގެ އަލާމާތްތައް ފެނިގެން ބަލީގެ ސީރިއަސް ވާ ފައްތަރަށް ގިނަ ބަޔަކު ގޮސްފިނަމަ އުނދަގޫވާނެ. އަލާމާތްތައް ނުފެންނަ ކަމަށްވަންޏާ ވަކި މީހަކު އެނގިގެން އެކަން ނުބެލޭނެ. އެހެންނަމަވެސް އެކްޓިވް ސަރވިއަލަންސް ކުރިޔަށްދާއިރު އެގޮތަށް ބެލޭނެ މިގޮތަށް ވައިރަސް ހުރި މީހުން. އެކްޓިވް ސަރވިއަލަންސް ކުރިޔަށްދާއިރު ހައިރިސްކް އޭރިއާ ތަކަށް ވަކިން ބަލައިގެން ކުރިޔަށް ގެންދިޔުން މީގެއިތުރުން ރޭންޑަމް ކޮށް ވައިޑް ސްޕްރެޑް އޭރިއާތަކަށް ކުރާނެ މާލޭގައިވެސް އަދި ރަށްރަށުގައިވެސް.ޑރ އިބްރާހީމް އަފްޒަލް
ޑރ އަފްޒަލް ވިދާޅުވީ އެކްޓިވް ސަރވިއަލަންސްގެ ދަށުން އިސްކަމެއް ދޭނީ ކޭސްތައް ފެންނަ ރަށްރަށަށް ކަމަށެވެ. މުޅި ރާއްޖޭގައި އެއް ފަހަރާ ޓެސްޓްތައް ނުކުރެވޭނެ ކަމަށާއި ނަމަވެސް ޕޮޒިޓިވްވެފައިވާ މީހުން ތިބި ރަށްރަށަށް އިސްކަންދީގެން ރޭންޑަމްކޮށް ސާމްޕަލްތައް ނެގި ޓެސްޓް ކުރެވިގެންދާނެ ކަމަށެވެ. އެގޮތަށް ޓެސްޓް ކުރުމުގެ ސަބަބުން ރާއްޖޭގައި ބަލީގެ އަލާމާތްތައް ނުފެނި ވައިރަސް ޖެހިފައިވާ މީހުން ދެނެގަނެވޭނެ ކަަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ޕޮޒިޓިވް ވެފައިވާ ކޭސްތަކަށް ބަލާއިރު އެއް ތާކު ދިރިއުޅޭ ގިނަ ބަޔަކު އަންނަނީ ޕޮޒިޓިވް ވަމުންނެވެ. މީގެތެރޭގައި ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތް ނުފެނި ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.