Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 16:34
ުައިންޑިއާގެ ޔަތީމްޚާނާއަކަށް ލި ބަޝީރުގެ ތިން ދަރިންގެ ތެރެއިން ކުއްޖަކު، ހޮޓެލްގެ ކުޑަ ދޮރުން ބޭރު ބަލަނީ
ުައިންޑިއާގެ ޔަތީމްޚާނާއަކަށް ލި ބަޝީރުގެ ތިން ދަރިންގެ ތެރެއިން ކުއްޖަކު، ހޮޓެލްގެ ކުޑަ ދޮރުން ބޭރު ބަލަނީ
ރާއްޖެއެމްވީ
ޔަތީމުޚާނާއަށް ލީ ކުދިން
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
ތިން ކުދިން ރާއްޖެ ނުގެނެވި އިންޑިއާގައި ތާށިވެފައިވާ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން
ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުވައްސަސާތަކާއި އެކު މަސައްކަތް މަސައްކަތް ކުރަނީ
މައްސަލަ ހުށައަޅާފައި ވަނީ ކުދިންގެ އާއިލާގެ ފަރާތުން

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖުހުނު ދިވެހި ކުދިންތަކެއް ރާއްޖެ ނުގެނެވި އެ ގައުމުގައި ތާށިވެފައިވާ މައްސަލަ ތަޙްގީގް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ބުނެފިއެވެ.

 

 

"ހިތްދަތި އާދޭސް" ނަމުގައި ރާއްޖެޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ޑޮކިއުމަންޓްރީއަށް ފަހު ޖެންޑަރ މިނިސްޓްރީން ބުނީ އެ ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު އެކުދިން ދިރިއުޅެން ޖެހި، ރާއްޖެ ނުގެނެވި އެގައުމުގައި ތާށިވެފައިވާ މައްސަލަ ހުށައަޅާފައި ވަނީ އެކުދިންގެ އާއިލާގެ ފަރާތުން ކަމަށް ވެސް މިނިސްޓްރީން ބުންޏެއެވެ.

 

 

ޔަތީމުޚާނާގައި ކުދިންނަށް އަނިޔާ ލިބުނު މައްސަލާއާ ގުޅޭ ގޮތުން މިނިސްޓްރީން ބުނެފައި ވަނީ އެ މައްސަލައަކީ ތަހްގީގް ކުރަމުން އަންނަ މައްސަލައެއް ކަމަށްވާތީ އިތުރު ތަފްސީލެއް މީޑިއާއަށް ދެވެން ނެތް ކަމަށެވެ. އަދި އެކުދިންގެ މައުލޫމާތު މީޑިއާއަށް ހިއްސާކުރަންޖެހޭ ހިސާބުން އެކަން ކުރާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެއެވެ.

ޖެންޑަރ މިނިސްޓްރީން މައްސަލަ ހުށެއެޅުމުން އާއިލާއަށް ދީފައިވާ ލިޔުން 

ޔާތީމްޚާނާގައި އަނިޔާލިބިފައި ވަނީ އއ.އުކުޅަސް، ރައްޔިތެއް ކަމަށްވާ އަބްދުﷲ ބަޝީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ. އެކުދިން ޔަތީމްޚާނާއިން ނެރެފައި ވަނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުގެ އެހީތެރިކަމާ އެކުގައެވެ. އެހެން ނަމަވެސް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން މައްސަލަ ބެލުމަށް ފަހު އެކުދިން މަންމަ ފާތުމާ ކައިރީގައި ބޭތިއްބުމަށް މައްސަލަ ނިންމާފައި ވަތީ މިހާރު އެކުދިން ތިބީ ރާއްޖެ ނުގެނެވި އެ ގައުމުގައި ތާށިވެފައެވެ.

 

 

އެކުދިން ގޮވައިގެން ފާތިމާ ޗުއްޓީއަށް އިންޑިއާއަށް ގޮސްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުއެވެ.

 

"އަޅުގަނޑުމެން މާލެ އައިސް ވަގުތުން ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށައެޅިން، ފުލުހުންވެސް އަދި އެހެން މުއައްސަސާތަކުން ވެސް ދިން ޖަވާބަކީ ރާއްޖެއާއި އިންޑިއާއި ދޭތެރެއަކު ނޯވެއޭ މީހުން ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމެއް ވެސް، އެގްރިމެންޓެއް ވެސް ހެދިފައެއް ނެތޭ، ތިޔަކަމުގައި އެއްވެސް މަސައްކަތެއް ކޮށްދެވެން ނެތް ކަމަށް ބުނެ ދިން ޖަވާބު ވެސް އަޅުނޑުގައި އަތުގައި އެބަ އޮތް" ނައީމް ބުންޏެއެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑު މިއުޅޭނީ ދިވެހި ޕާސްޕޯޓުގައި ތިބި ދިވެހިންގެ ތިން ކުދިން ، ރާއްޖޭގެ ރަޖިސްޓްރީގައި ތިބި ތިންކުދިން ޔާތީމްހާނާއެއްގައި އަނިޔާލިބެމުންދާތީ ކަމަށް، ދައުލަތުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް އެދުމުން ވެސް އެބޭފުޅުން އެކަމެއް ނުކޮށްދިން."

 

 ބަޝީރުގެ އާއިލާގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ ބައްޕަ އަބްދުﷲ ނައީމް ބުނީ ކުދިން ގޮވައިގެން އިންޑިއާއަށް ދިއުމަށް ފަހު ފާތިމާ ގެންދިއައީ ބަޝީރާ އެކު އުޅެން ބޭނުން ނުވާ ކަމަށް ބުނެ ކުދިން ވެސް ބަޝީރާ ހަވާލުކުރުމަށް ދެކޮޅުހަދަމުން ކަމަށެވެ.

 

 

"ތިން ފަހަރު ބަސީރު އިންޑިއާއަށް ގޮސް އޭނާގެ އަންހެނުންނާއި ބައްދަލުކުރި، ބައްދަލުކޮށްފައި އުކުދިންގެ ވިސާ ހަމަވަނީއޭ ޕާސްޕޯޓް ދިނުމަށް އެދުމުން އޭނާގެ އަންހެނުން ބުނީ ޕާސްޕޯޓް ވަނީ މީހެއްގެ އަތުގައި އޭ ޕާސްޕޯޓެއް ނުދޭނަމޭ، އަންހެން މީހާ ބުނަނީ ބަސީރު އާއި އެކު އުޅޭހިތްނުވާކަމަށް، އަދި އޭނާ މަރާލަންޖެހުނަސް ތިން ކުދިންނެން ރާއްޖެ ނުފޮނުވާނެ ކަމަށް ބުނި"  ރާއްޖެ ޓީވީން ތައްޔާރުކުރި "ހިތްދަތި ދިރިއުޅުން" ޑޮކިއުމެންޓްރީގައި ނައީމް ބުނެއެވެ.

 

 

ޔަތީމުޚާނާގައި ކުދިންނަށް އަނިޔާ ލިބިފައިވާ ކަމަށް ބަޝީރު ބުނާއިރު އެކުދިންގެ ގައިން އެފަދަ ނިޝާންތައް ފެންނަން ހުއްޓެވެ. ރާއްޖެ ޓީވީގެ މުހައްމަދު ވިސާމް ވަނީ އެ ތަނަށް ޒިޔާރަތްކޮށް އެ ކުދިންނާ ވާހަކަ ދައްކައި ފޮޓޯ އާއި ވީޑިއޯ ވެސް ނަގާފައެވެ.

 

ބަޝީރުގެ ތިން ދަރިންގެ ތެރެއިން އެއް ދަރިއެއްގެ ފައި ފާރުވެފައި

ޔަތީމްޚާނާގައި އަނިޔާ ލިބުމުގެ އިތުރުން އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެ ވެސް މުއްދަތު ވަނީ ހަމަވެފައެވެ. އެހެން ކަމުން އެ ކުދިން މިހާރު ތިބީ "ބަންދެއްގަ" އެވެ.

 

 

އިންޑިއާގެ ރައްޔިތުންނާ ދިވެހި ފިރިހެނުން ކައިވެނިކޮށްގެން ދިމާވާ މިފަދަ މައްސަލަތަކުގެ ޚާއްސަ ތަފާސްހިސާބެއް ނެތް ނަމަވެސް މިއީ ހިނގަމުން އަންނަ ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ ކަންކަން ވަނީ ހިނގާފައެވެ. މި ކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް