85 މީހުން ވަގުތީ ހިޔާތަކުގައި މި ވަގުތު ބޯހިޔާވަހިކަން ހޯދަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން ހުކުރު ދުވަހު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު މާލެ ސަރަޙައްދުގައި ތިބި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ 13 މީހުން ދަނީ ވަގުތީ ހިޔާތަކުގައި ބޯހިޔާވަހިކަން ހޯދަމުންނެވެ. އަދި ޖަލު ބަންދަށް ފަހު މާލެ ސަރަޙައްދުގައި ތިބި 11 މީހުން ވަގުތީ ހިޔާތަކުގައި ބޯހިޔާވަހިކަން ހޯދަމުންދާއިރު ގެއިން ނުކުންނަށް ޖެހިގެން ހާލުގައި ޖެހިފައިވާ 6 މީހަކުވެސް ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ.
ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި އުޅެމުންދިޔަ 15 މީހުން ވަގުތީ ހިޔާތަކުގައި ތިބިއިރު ބޭސްފަރުވާ ހޯދުމަށް ޓަކައި މާލެ ސަރަޙައްދަށް ޒިޔާރަތްކުރި 12 މީހުން ވަގުތީ ހިޔާތަކުގައި ތިބި ކަމަށްވެސް ޖެންޑަރ އިން ބުންޏެވެ. އެހެނިހެން ބޭނުންތަކުގައި މާލެ ސަރަޙައްދަށް ޒިޔާރަތްކުރި 8 މީހުން މި ހިޔާތަކުގައި ތިބިއިރު މަސްތުވާތަކެއްޗާ ގުޅުން ހުރި 20 މީހުން ވަގުތީ ހިޔާތަކުގައި އެބަތިބި ކަމަށްވެސް ޖެންޑަރ އިން ބުންޏެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއިއެކު އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ ބުނެފައެވެ.