ކޮވިޑް-19 އަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމުކުރަމުންދާ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރާ 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އިމާރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އެ ފެސިލިޓީ ހެދުމަށް އެތަނުގައި މަސައްކަތް ކުރާ ދެ މީހަކު ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް މަބްރޫކް ހާމަކުރައްވާފައެއް ނުވެއެވެ.
ހުޅުމާލޭގައި ގާއިމުކުރާ މެޑިކަލް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން، އެޗްޑީސީ، ފެނަކަ، އަމިއްލަ ކުންފުނިތަކާއި އެޖެންސީތަކުގެ ގިނަ ބަޔަކު ބައިވެރިވި އެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ މީހުންގެ އިތުރުން އަމިއްލަ ފަރުދުން ވެސް މަސައްކަތުގައި ބައިވެރިވެ އެވެ.
މި މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިއީ 290 އެނދުގެ މެޑިކަލް ފެސިލިޓީއެއް ކަމަށް ވިދާޅުވެފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމްކުރަނީ 05 ބްލޮކަށް ބަހާލައިގެންނެވެ. އެތަނުގައި 19 ރޫމް ހުރެއެވެ.