Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 12:22
ރާއްޖެޓީވީގެ މައި އިދާރާ
ރާއްޖެޓީވީގެ މައި އިދާރާ
ރާއްޖެއެމްވީ
ރާއްޖެޓީވީ
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އެއްވަނައަށް ހުށައަޅާފައިވާ އިނާމަކީ 50،000 ރުފިޔާ
މުބާރާތުގެ މުއްދަތު އިތުރުކުރީ އެޕްރީލް މަހުގެ 15 ވަނަ ދުވަހަށް

ރާއްޖެޓީވީން ބާއްވާ ކުރު ފިލްމު މުބާރާތުގެ މުއްދަތު އެޕްރީލް މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

ރާއްޖެޓީވީގެ ހެޑްއޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވީ މުއްދަތު އިތުރުކުރީ ގިނަ ބައެއްގެ އެދުމުގެ މަތިންނާއި މި މުބާރާތައް ތަރުހީބު ލިބެމުންދާތީ އިތުރު ފުރުސަތެއް ދިނުމަށް ކަމަށެވެ. އާމިރު ވިދާޅުވީ ކުރު ފިލްމު މިހާރު ހުށައަޅާފައިވާ ފަރާތްތަކުން ވެސް އަލުން ހުށައަޅަން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ވެސް އޮންނާނެކަމަވެ.

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތައް ހުށައަޅާ ފިލްމުގައި ވަކި މައުޟޫއެއް ކަނޑައަޅާފައެއް ނޯވެއެވެ. އެހެން ނަމަވެސް ފިލްމުގެ ދިގުމިން ވާންޖެހޭނީ 3 މިނިޓާއި 10 މިނިޓާ ދެމެދަށެވެ.

ކުރު ފިލްމު މުބާރާތުގައި ހޮވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ ބެސްޓް ފިލްމު، ބެސްޓް ޑައިރެކްޓަރ،ބެސްޓް ސިނޮމެޓެގްރަފަރ، ބެސްޓް އެޑިޓަރ،ބެސްޓް ސައުންޑް، ބެސްޓް ސްކްރީން ޕްލޭ އެވެ. މިމަގާމުތައް ހޮވާނީ ފަނޑިޔާރުންނެވެ. މީގެ އިތުރުން ބެލުންތެރިންގެ އެންމެ މަގުބޫލު ކުރު ފިލްމު ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބެލުން ތެރިން އެސްއެމްއެސް ކޮއްގެން ހޮވާ މަގާމެކެވެ.

އެއްވަނައަށް ހޮވޭ ކުރު ފިލްމަށް ހުށައަޅާފައިވާ އިނާމަކީ 50،000 ރުފިޔާ އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ރާއްޖެޓީވީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފިލްމު ހުށައަޅާއިރު ހުށައަޅަންވާނީ ސީޑީ ނުވަތަ ޕެންޑްރައިވެއްގައެވެ.

މިމުބާރާތުގައި ހުށައަޅާ ފިލްމުތައް ރާއްޖެޓީވީގެ ފިލްމު ފެސްޓިވަލްގައި ދެއްކުމަށް ހަމަޖެހިފައިވާކަށް އާމިރު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް