ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އިސްތިސްނާވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އޯވަރޑްރޯ ކުރުމަކީ ދިވެހި ރުފިޔާ ޗާޕުކޮށްގެން ނެރުން ނުވަތަ ބްލޭންކް ޗެކެއް ދިނުން ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިވަގުތު ރާއްޖޭގެ އިޤްތިސާދާއި ދައުލަތުގެ މާލީ ހާލަތު އޮތްގޮތުން، ވަކި ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުމަށްޓަކައި ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލު ތަކަށް އަހަރު ދުވަހުގެ އިސްތިސްނާއެއް ދިނުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ. މިމައްސަލައަށް ބަހުސްކުރެއްވި ބައެއް މެމްބަރުންވެސް ވަނީ އެއީ ފައިސާ ޖެހުންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ބައެއް އާންމުންވެސް އަންނަނީ އެގޮތަށް ވާހަކަދައްކާ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަޖިލީހަށް މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާސް ދިފާޢު ކުރައްވާ އެކަމަށް ރައްދު ދެއްވަމުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ އޯވަރޑްރޯ ކުރުމަކީ ބްލޭންކް ޗެކެއް ދިނުން ނޫން ކަމަށާ އަދި އެއީ ފައިސާ ޗާޕު ކޮށްގެން ނެރުން ވެސް ނޫން ކަމަށެވެ. މިއީ މުޅިން ތަފާތު ހާލަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދަރަންޏަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. ގެ އިސްތިސްނާ އަކަށް އެދުނީ ޕަބްލިކް ބޭންކް އެކައުންޓް އޯވަ ޑްރޯ ލިމިޓް އިތުރު ކުރަން. މިހާރު މިއީ އާއްމު ހާލަތެއް ނޫން ހާއްސަ ހާލަތެއް. ގާނޫނުގައި އޮތް ގޮތުން އޯވަޑްރޯ ކުރެވޭނީ 200 މިލިއަން ރުފިޔާ. އޯވަރޑްރޯ ކުރި ނަމަވެސް ހާލަތު ރަނގަޅު ވުމުން ފައިނޭންސިން އިތުރު ކުރާ މިންވަރުން ޕަބްލިކް ބޭންކުން އެކައުންޓް ޖަމާ ކުރަމުން ގެންދާނެފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މި އަދަދު 4.2 ބިލިއަން ރުފިޔާ އަށް ލިމިޓް މަތިކޮށްދިނުމަށެވެ.
އަދި ފައިސާ ދެއްކުމަށް ޤާނޫނުގައި ބުނާ 91 ދުވަހުގެ މުއްދަތު ފަސްކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
މަރުކަޒީ ބޭންކުން ފައިސާ އޯވަރޑްރޯ ކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު މި މައްސަލައިގެ ބަހުސްގައި މެމްބަރުން ވަނީ އެ ފައިސާ ހަރަދުކޮށް ކުރާ ކަންކަން ފިނޭންސް މިނިސްޓަރ ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
4.2 ބިލިއަން ރުފިޔާ 1 އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވަރޑްރޯ ކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި ޚިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.