ކޮވިޑް 19އާ ދެކޮޅަށް ކުރެވޭ މަސައްކަތަކަށް ރާއްޖެއިން 1.6 ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ސިއްހީ އަދި ޑިޒާސްޓަރ މެނޭޖްމެންޓަށް ކުރާ ހަރަދު އިތުރުވެގެންދާ ކަމަށެވެ.
އެގޮތުން ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޚިދުމަތްދޭނެ ތަންތަން ތައްޔާރުކުރުން، ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެއްސުން، ރައްކާތެރިވުމަށް ބޭނުންވާނެ ތަކެތި ހޯދުން، ކާރިސާ އިން ރައްކާތެރި ވުމަށާއި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން، ކާބޯތަކެތި އަދި މުހިއްމު ތަކެތީގެ ސަޕްލައި ޔަޤީންކުރުން، އަދި އިޤްތިސާދީ ލުއިކަމެއް ހޯދައިދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާތަނަށް ބަޖެޓަށް އިތުރުކޮށްދީފައިވަނީ ޕަބްލިކް ހެލްތުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަދި މިނިސްޓަރ ހެލްތު އެދުނު މިންވަރާއި، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކޮވިޑް-19 އާ ގުޅުން ހުރި ޚަރަދުތަކަށް ކަމަށެވެ.
ކޮމިއުނިޓީ ސްޕްރެޑް ފެނުމާއެކު، ޚަރަދުވެސް ވެސް ވަނީ ބޮޑުވެފައިވާ ކަމަށާއި، މިހާރު ކޮވިޑް-19 އާ ގުޅިގެން 1.6 ބިލިއަން ރުފިޔާގެ ޚަރަދު ހިނގާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އަދި ހާލަތު ދިގުދެމިގެންދާ ގޮތަކުން މި މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސިއްހީ އަދި ޑިޒާސްޓަރ މެނޭޖްމަންޓަށް ކުރާ ހަރަދު
- ހުޅުމާލޭގައި ޤާއިމުކުރާ (30 އެނދުގެ އައި.ސީ.ޔޫ ފެސިލިޓީ (ކޮވީޑް ވިލެޖް) ހެދުމާއި ހިންގުމަށް 53.49 މިލިއަން ރުފިޔާ.
- އިމަޖެންސީ އޮޕަރޭޝަން ސެންޓަރ ޤާއިމުކޮށް ހިންގުމަށް 45:13 މިލިއަން ރުފިޔާ.
- ރާއްޖެއަށް އެތެރެވާ ދޮރާށިތަކުގައި ބަލި ދެނެގަނެވޭނެ ނިޒާމް ޤާއިމުކުރުމަށް 0.93 މިލިއަން ރުފިޔާ.
- މީހުން އައިސްލޭޓްކުރުމާއި ކަރަންޓީނުކުރުމާއި ފެސިލިޓީޒް ޤާއިމުކޮށް ހިންގުމަށް 594.73 މިލިއަން ރުފިޔާ
- ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިވުމަށް 37.03 މިލިއަން ރުފިޔާ.
- ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް 660.03 މިލިއަން ރުފިޔާ.
- ރާއްޖެއަށް ބޭނުންވާ ކާޑުގެ ސްޓޭކް ހޯދުމަށް 84.06 މިލިއަން ރުފިޔާ.
- އިންސިޑެންޓް ކޮމާންޑް ޕޯސްޓާ (26 ޕޯސްޓާ ހިންގުމަށް)
- ނިކަމެތިންނަށް އެހީ ފޯރުކޮށްދިނުމަށް 3.96 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިއީ މިވަގުތަށް ލަފާ ކުރެވޭ މިންވަރު ކަމަށާއި، ހަރަދުގެ މިންވަރު ބިނާ ވަނީ ބަލި ފެތުރި ކޮންޓްރޯލް ކުރެވޭ ގޮތުގެ މައްޗަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.