ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެގޮތުން އަޅާ ފިޔަވަޅުތަކުގެ ދަށުން އެއްގަމު އުޅަނދުފަހަރު ގަތުން ހުއްޓާލުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މީގެ ކުރިންވެސް ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަތުރުފަތުރަށް ކުރާ ޚަރަދު 33 އިންސައްތައަށް ކުޑަކުރުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެއްގަމު އުޅަނދުފަހަރު ގަތުން ހުއްޓާލުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް އޭގެ އިތުރުންވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި، އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ކަރަންޓް އަދި ތެލުގެ ސަބްސިޑީ ދިނުމަށް ކުރާ ޚަރަދު 40 އިންސައްތައަށް ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ސަރުކާރުގެ ޓްރެއިނިންގ ހަރަކާތްތަކަަށް ކުރާ ޚަރަދު 30 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވާއިރު، މަރާމާތުގެ ޚަރަދުތައްވެސް 59 އިންސައްތައަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަރުމުދާ ހޯދުމަށް ދައުލަތުން ކުރާ ޚަރަދުވެސް މިވަގުތަށް 70 އިންސައްތައަށް ކުޑަކުރުމަށް ނިންމާފައިވާއިރު، މިހާރު ނިންމާފައިވަނީ މިއަހަރަށް ބަޖެޓް ކޮށްފައިވާ ޕީ.އެސް.އައި.ޕީގެ ތެރެއިން ނުފެށި ހުރި މަޝްރޫއުތައް ޓެންޑަރ ނުކޮށް މަޑުޖައްސާލުމަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލްތަަކަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ ދޫކުރާ މިންވަރު މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައިވާކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ބަޖެޓްގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ކުރިން ހަމަޖައްސާފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ، މި ފިޔަވަޅުތަކާއެކުވެސް މިވަގުތު އިޤްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދު މިވަގުތު އޮތީ "ވެންޓިލޭޓަރެއްގައި" ކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ.