ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެކަމަށް ބެލެވެނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ބަހާލައިގެން ސަރުކާރުން ލަފާކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން މިހާރު ރާއްޖެ އޮތްކަމަށް ބެލެވެނީ ސިނާރިއޯ 3 ގައި ކަމަށެވެ.
އެގޮތުން ސިނާރިއޯ 3 ގައި ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ 50 އިންސައްތަ ފަތުރުވެރިން ކަމަށާއި، އަހަރުގެ ބާކީ އޮތް މުއްދަތުގައި 462،868 ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއާއެކު މިއަހަރު ރާއްޖެ އަންނާނެކަމަށް ބެލެވެނީ 845،546 ފަތުރުވެރިންކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރުގެ ޙާލަތަށް ބަލައި ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހުގެ ތެރޭގައި ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެކަމަށް ލަފާކުރާ މުއްދަތު:
- ސިނާރިއޯ 1 ގައި: މޭ މަހު
- ސިނާރިއޯ 2 ގައި: ޖޫން މަހު
- ސިނާރިއޯ 3 ގައި: ޖުލައި މަހު
- ސިނާރިއޯ 4 ގައި: އޮކްޓޯބަރ މަހު
- ސިނާރިއޯ 5 ގައި: ޖަނަވަރީ 2021 ގައި
އަހަރުގެ ބާކީ ބައިގައި ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ މިންވަރު:
- ސިނާރިއޯ 1 ގައި: 44 އިންސައްތަ (579،720 ފަތުރުވެރިން)
- ސިނާރިއޯ 2 ގައި: 48 އިންސައްތަ (500،610 ފަތުރުވެރިން)
- ސިނާރިއޯ 3 ގައި: 50 އިންސައްތަ (462،868 ފަތުރުވެރިން)
- ސިނާރިއޯ 4 ގައި: 63 އިންސައްތަ (242،404 ފަތުރުވެރިން)
- ސިނާރިއޯ 5 ގައި: 78 އިންސައްތަ (0 ފަތުރުވެރިން )
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން ކުރެވިފައިވާ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު 8 އިންސައްތަ އިތުރުވެ، ޤައުމީ އުފެއްދުންތެރިކަންވެސް 7.5 އިންސައްތައަށް ކުރިއަރާނެކަމަށް ކުރިން ލަފާ ކުރެވުނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، މި އަންދާޒާތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އަދި ޤައުމީ އުފެއްދުންތެރިކަން ބޮޑު އިންސައްތަ ދަށަށް ގޮސް، އިންފްލޭޝަން އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.