ސަޕޯޓަރަކާ މެދު ހަމަނުޖެހުން ހިންގި މައްސަލައިގައި ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު އެރިކް ޑަޔާ އަށް ފިޔަވަޅު އަޅަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
އެރިކް ޑަޔާ އާއި ސަޕޯޓަރަކާ ދެމެދު ހަމަނުޖެހުން ހިނގީ މިދިޔަ މާޗު މަހުގެ ފަސްވަނަ ދުވަހު އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ނޯވިޗް ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން ޓޮޓެންހަމް ބަލިވި މެޗަށްފަހު އެވެ.
އަމިއްލަ ދަނޑުގައި ނޯވިޗް އަތުން ޓޮޓެންހަމް ބަލިވި މެޗަށް ފަހު ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ޑަޔާ އާއި ސަޕޯޓަރަކާ ދެމެދު ކުޑަ ހަމަނުޖެހުމެއް ހިނގި އެވެ. ޑަޔާ ސަޕޯޓަރުންގެ ތެރެއަށް ވަދެ އެ ކަންތައްގަނޑު ހިންގާލީ، އެ ސަޕޯޓަރު ޑަޔާގެ އާއިލީ މެމްބަރުންތަކެއް ތިއްބާ އޭނާ އަށް ފުރައްސާކުރުމުންނެވެ.
އެ މައްސަލަ އިނގިރޭސި އެފްއޭ އިން ބެލުމަށްފަހު ނިންމާފައިވަނީ ޑަޔާގެ އަމަލަކީ ކުޅުންތެރިން އަމަލުކުރަން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު އަމަލެއް ކަމުން އޭނާ އަށް ފިޔަވަޅު އެޅުމަށެވެ. އެކަމަކު މެއި މަހުގެ 8 ވަނަ ދުވަހުގެ ކުރިން އިނގިރޭސި އެފްއޭ އަށް ޑަޔާ ޖަވާބުދާރީ ވުމުގެ ފުރުސަތު ވަނީ ދީފައެވެ.
ޑަޔާ އަށް ފިޔަވަޅު އަޅަން އިނގިރޭސި އެފްއޭ އިން ނިންމިއިރު، އެ މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޑަޔާގެ އެ އަމަލަކީ ޕްރޮފެޝަނަލް ކުޅުންތެރިން ކަންތައް ކުރަން ޖެހޭނެ ގޮތެއް ނޫން ކަމަށާއި އެކަމަކު އެއީ ކޮންމެ މީހަކަށް ވެސް އެފަދަ ވަގުތެއްގައި އަމަލުކުރެވޭނެ ގޮތް ކަމަށެވެ.