ކޮވިޑް-19ގެ މިހާލަތުގައި ވިލާގެ މުއައްޒަފުންނަށް ކުރިއަށް އޮތް ތިން މަހު ދެވޭނެ ކަމަށް ބެލެވެނީ ކޮންމެ މުވައްޒަފަކަށް ވެސް 1000 (އެއްހާސް) ރުފިޔާ ކަމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ބުނެފިއެވެ.
އެކުންފުނިން ނެރިފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ފާއިތުވި މާރޗް މަހުގެ ބޮޑުބައެއްގައި ރިޒޯޓުތަކުގެ އޮކިއުޕެންސީ ދަށްވެ ލިބުނު އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެފައި ވިޔަސް، މާރޗް މަހުގެ މުސާރައާއި އިނާޔަތްތަކުން އެއްވެސް އަދަދެއް އުނިކޮށްފައި ނުވާނެ ކަމަށެވެ.
ވިލާއިން ބުނީ ރިޒޯޓު ތަކުން އެއްވެސް އާމްދަނީއެއް ލިބޭނެ ގޮތެއްނެތް މި ހާލަތުގައި ކުރިން ކަނޑައަޅާފައިވާ ގޮތަށް މިހިނގާ އެޕްރީލް 2020 އިން ފެށިގެން މުސާރަ ވަކިވަރަކަށް އުނިކޮށްގެން ވެސް ދެވޭނެ އެއްވެސް ގޮތެއް ނެތުމާއި އެކު އެޕްރީލް، މޭ އަދި ޖޫންގެ މުސާރައިގެ ގޮތުގައި ދެވޭނެ ކަމަށް ބެލެވެނީ ކޮންމެ މުވައްޒަފަކަށް ވެސް 1000 (އެއްހާސް) ރުފިޔާ ކަމަށެވެ.
ވިލާއިން ބުނީ މުވައްޒަފުން ރިޒޯޓުގައި ނެތި އެމީހެއްގެ ރަށުގައި ތިއްބަސް މުސާރައާއި ސަރވިސްޗާޖާއި ރޯދަމަހުގެ އިނާޔަތުގެ ފައިސާ އެމުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށް، އެކަން އެފަރާތަކާ ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި ޖޫންގެ ނިޔަލަށް ރިޒޯޓުތައް އޮފަރޭޝަނަށް ނުގެނެވި، އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާ އެކަން ކޮންމެ މުވައްޒަފަކަށް ވެސް އަންގަމުން ގެންދާނެ ކަަމަށް ވިލާއިން ބުނެއެވެ.
މީގެ އިތުރުން ވިލާއިން ބުނީ ކޮވިޑް-19 ގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލައި ވަޒަން ކުރަމުންދާ ކަމަށާއި، ހާލަތު ރަގަޅުވެ، ރިޒޯޓުތައް އޮޕަރޭޝަނަށް ގެނެވޭ ވަރަކުން ދިވެހި މުވައްޒަފުންނަށް އިސްކަން ދީގެން މަސައްކަތަށް އަނބުރާ ރުޖޫއަ ކުރަމުންދާނެ ކަމަށެވެ.
މި ނިންމުމަކީ މިހާތަނަށް ކުންފުނިން ނިންމަންޖެހުނު އެންމެ އުދަނގޫ ނިންމުންކަން ފާހަގަކޮށް ވިލާއިން ބުނީ މިގޮތަށް ނިންމީވެސް މިހާލަތުގައި ވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ބޭނުން ނުވާތީ އާއި ކުންފުންޏަށް އެއްވެސް ފައިސާއެއް ހޯދުނަސް އެފައިސާ ހަމަހަމަޔަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހިއްސާ ކުރުމުގެ މަގްސަދުގައި ކަމަށެވެ.
ވިލާއިން ބުނީ މިގޮތަށް ނިންމި ކަމުގައި ވިޔަސް، އެއްވެސް ގޮތަކުން ފައިސާ ލިބޭނެގޮތް ހަމަޖެހި މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރު ކުރެވޭނެ ގޮތެއް ފެނިއްޖެނަމަ މުސާރަ ދޭނީ އެގޮތަށް އިތުރުކޮށްފައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓުތައް ހިންގަމުންދާއިރު، މުއައްޒަފުން އެކަށީގެންވާ މުސާރައާއި ސަރވިސް ޗާގު ނުދޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.