ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަންއާއި މެދު ގޮތެއް ނިންމުމަށް ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީން) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެކޯޓުން ނިންމައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހައްލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މިކަމަށް ޝަރުޢީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދޭނެ ޖާގައެއް އޮތްތޯ ބެލުމަށް މައްސަލަ ހައިކޯޓަށް ހުށަހެޅީ މިމަހުގެ 21 ގައެވެ. އަދި އިންތިހާބު ފަސްކޮށްފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންގެ ސަސްޕެންޝަންއާއި މެދު ގޮތެއް ނިންމަވައިދެއްވުމަށް ސީއެސްސީން އެދިފަވެއެވެ.
ނަމަވެސް ހައިކޯޓުން ބުނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ހައި ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލި ގިނަ އަދަދެއްގެ ސިވިލް ސަރވިސް މުއައްޒަފުން މައްސަލައިގައި ވަކި ގޮތެއް ނުނިމި ލަސްތަކެއް ވަމުންދާތީ އިލެކްޝަން ކޮމިޝަން (އެސީސީން) ވެސް ވަނީ ކަންބޮޑުންފާޅު ކޮށްފައެވެ.
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ވަޒީފާއިން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްވެފައި ހުންނަ މުއްދަތުގެ ތެރޭގައި، އެ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ވަޒީފާއިން ލިބެމުން އައި މުސާރައާއި އެހެނިހެން އެއްވެސް އިނާޔަތެއް ނުލިބޭނެކަމުގައި އެ މާއްދާގެ (ނ) ގައި ވަނީ ބަޔާންކޮށްފައެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ވަނީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޚާއްސަ ބިލް 2020"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އަދި ބިލުގައި ސަސްޕެންޝަންގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވޭގޮތަށް ހިމަނާފައިވެ އެވެ.
އެބިލްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދިޔަ ނަމަވެސް އެ ބިލް މިހާތަނަށް ވެސް މަޖިލީހުން ފާސްކޮށްފައިނުވެއެވެ. ލަސްތަކެއް އުޅޭ ކަމަށް ބުނެ ސަސްޕެންޝަންގައި ތިބި ބައެއް ސިވިލް ސަރވިސް މުވައްޒަފުން ކަންބޮޑުންފާޅުކޮށްފައިވެއެވެ. 204 ސިވިލް ސަަރވެންޓުން ސަސްޕެންޝަންގައި ތިބިއިރު، ދިގުދެމިގެންދާ ނަމަ މިއީ އެމީހުންގެ އާއިލާތަކަށް ވެސް ދެވޭ ދެރައެއް ކަމަށް ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެފައިވެއެވެ.