ކޮވިޑް-19ގެ ބިރުވެރިކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ޑޮކްޓަރުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް އަމާޒުކޮށް ކިޔޭ ފާޑު ކިޔުންތަކަށް ޓޮލަރޭޓް ނުކުރެވޭނެ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހައްސަސީ ދަނޑިވަޅުގައި ވެސް ބައެއް މީހުން ސިއްހީ ޚިދުމަތްތެރިންގެ އަގުވަޒަން ނުކޮށް ފާޑު ކިޔަމުންދާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޑޮކްޓަރުން ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދާ އެބޭފުޅުން ޒާތާ ބެހޭ އެކި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
ޑޮކްޓަރުންގެ ޓީމުން ރެއާދުވާހު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އާންމު ރައްޔިތުން ބޭނުންވާ އަވަސް މިނުގައި މަސައްކަތްތައް ކުރިއަށް ނުދިއަ ނަމަވެސް އެ ކުރަމުންދާ ބުރަ މަސައްކަތް ބަލައި ގަންނަންޖެހޭ ކަމަށެވެ. އަދި މިއަދު ބޮޑު ގުރުބާނީއެއް ވަމުންދަނީ ވެސް ސިއްހީ ޚިދުމަތްތެރިންކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑަށް އެނގޭ އެހެން މަސައްކަތް ކުރާއިރުގައި ބައެއް ބޭފުޅުން ބޭނުންވާ އަވަސް މިނުގައި ކަންތައްތައް ނުވާނެކަން. އަދި ބައެއް ބޭފުޅުންނަށް އެ ކުރައްވަމުން ގެންދަވާ ކަންތައްތަކުގައި އިތުރު ސުވާލު ހުރިކަން. އެހެންނަމަވެސް އެދެވޭ ގޮތެއް ކަމުގައި ނުފެނޭ އެ ބުރަ މަސައްކަތް ކުރާއިރު އެބޭފުޅުން އެކުރައްވާ މަސައްކަތް އަގުވަޒަން ނުކޮށް އަދި އެ ކުރަމުންދާ މަސައްކަތުގެ ހިތްވަރު އެލުވޭ ގޮތަށް ވާހަކަ ދެއްކުން މިއީ ހުއްޓާލަން ޖެހޭ ކަމެއް. މިއީ އެއްވެސް ވަރަކަށް ޓޮލެރޭޓް ކުރެވޭނެ ކަމެއް ނޫން.ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
މަބްރޫކް ވިދާޅުވީ މިއަދު މުޅި ގައުމު ބަރޯސާވެފައި އޮތީ ސިއްހީ ދާއިރާއަށް ކަމަށާއި، އަމަލުކުރަން ޖެހެނީ ވެސް އެބޭފުޅުން ވިދާޅުވާ ގޮތަކަށް ކަމަށެވެ.
މުޅި ގައުމު ހުއްޓިފައިވާ މިދަނޑިވަޅުގައި މައްސަލަތައް ހުންނާނެކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ނޭޝަނަލް އިމަަޖެންސީ އޮޕަރޭޝަން ސެންޓަރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އަތުން ދޫވެގެންދާ މައްސަލަތައް ފާހަގަކުރި ނަމަވެސް ޑޮކްޓަރުންނަށް ފާޑު ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.