ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ކަރަންޓީނު އަދި އައިސޮލޭޝަންގައި ތިބޭ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން މިހަފްތާތެރޭގައި ކުރުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ކުރަމުން އަންނަ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ކަންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައްކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކުރިން މޯލްޑިވިއަން ރެޑް ކްރެސެންޓުން މަސައްކަތްކުރަމުން އައީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ރެޑް ކްރެސެންޓްގެ ފަރާތުން މަސައްކަތްކުރަމުން އަންނަނީ އޮންލައިންކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް މަސައްކަތް ކުރީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނަށް ސޯޝިއޯ ސަޕޯޓް ދިނުމަށް. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ކުރަމުންދާ މަސައްކަތް ވަރޗުއަލް އޮންލައިން ސިސްޓަމަކަށް ބަދަލުކޮށް ވޮލަންޓިއަރުން ގޭގައި އެމަސައްކަތް ކުރުމަށް އިންތިޒާމުތައް ހަމަޖެއްސުމަށް ފަހު މިހަފްތާ ތެރޭގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހުރި އައިސޮލޭޝަން ނުވަތަ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް އަންނަނީ މަސައްކަތްކުރަމުން.ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
މޯލްޑިވިއަން ރެޑް ކްރެސެންޓަށް މިހާތަނަށް އައިއިރު 2695 ފޯންކޯލެއް ނަފްސާނީ އެހީތެރިކަން ހޯދުމަށް ލިބިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު ގިނަ ބަޔަކަށް ދިމާވާ ނަފްސާނީ މައްސަލަތަކަށް އޮންލައިން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ތަފާތު އެކި ޖަމިއްޔާތަކުން އަންނަނީ މިމަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ލޮކްޑައުންގައި އޮންނައިރު ހާލުގައި ޖެހޭ އެކިފަރާތްތަކަށްވެސް ކަމާބެހޭ އެކިފަރާތްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޖެންޑާ މިނިސްޓްރީން ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 25 މީހަކު ވަކި ތަނަކަށް ގެންދެވި، ރިހެބިލިޓޭޝަނުގެ މަސައްކަތް ފަށާފައިކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ޖެންޑާ މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ގުޅިގެން މިވަގުތު މަގުމަތިވެފައިވާ އެންމެންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.