ރަމަޟާން މަހަށް ޚާއްސަކޮށް ހެއްދި ދަނޑުވެރިކަމުގެ ބާވައްތައް ހަލާކުވާން ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ޚާއްސަކޮށް އއ.ތޮއްޑޫ، ކ.ކާށިދޫ، ރ.ފައިނު ގިނަ އަދަދެއް ބާވަތްތައް އެތެރެކުރެއެވެ. ނަމަވެސް ކޮވިޑް-19 ރާއްޖޭގައި ފެތުރިފައިވާތީ މަލެސިޓީ ވަނީ ލޮކްޑައުންކޮށް ދަތުރުފަތުރު ކުރުން ހުއްޓުވާފައެވެ. އަދި ޚާއްސަ ހުއްދަ އާއެކު ޒަރޫރީ މުދާ ބަލާ އާދެވުނު ނަމަވެސް ދަނޑުވެރިން ހެއްދި ބާވަތްތައް މާލެއަށް ނުވަތަ އެހެން ރަށަކަށް ވެސް އެރުވޭ ގޮތް ވަނީ ނުވެފައެވެ.
އެހެންކަމުން ގިނަ ދަނޑުވެރިން ވަނީ މިކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި ދަނޑުވެރިކަމުގެ ބާވަތައް ނުވިއްކޭ ކަމަށްވާނަމަ ހިލޭ ބަހާލަން ވެސް ތައްޔާރަށް ތިބިކަމަށް ބައެއް ދަނޑުވެރިން ބުނެއެވެ.
އެގޮތުން ރަމަޟާން މަހަށް ޚާއްސަކޮށް ހެއްދި ކަރާ، މެލަންތައް ދޮންވެފައިވާ ކަމަށާއި، މާގިނަ ދުވަސްވާ ކަމަށްވާނަމަ ހަލާކުވެގެންދާނެ ކަމަށް ދަނޑުވެރިން ބުނެއެވެ. އަދި މިހާރު ވެސް ހެއްދި ގިނަ އަދަދެއް ކިއުކަންބާތައް ދޮންވެފައިވާކަން ތޮއްޑޫއިން ވާހަކަ ހިއްސާކުރި ދަނޑުވެރިއެއް ބުނެފައިވެއެވެ.
ކ.ކަށީދޫ ކައުންސިލްގެ ނައިބް ރައީސް ސަހުލާ ޒާހިރު ވިދާޅުވީ ދަނޑުވެރިންގެ ކަންބޮޑުންތައް އެބަހުރި ކަމަށެވެ. ނަމަވެސް ދަނޑުވެރިންގެ މުދާތައް ހަލާކު ނުވާނެ ގޮތަކަށް ވިއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ޅ.ނައިފަރު އަދި ހިންނަވަރަށް މުދާ ގެންދާކަން ސަހުލާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތޮއްޑޫ ކައުންސިލުން ބުނީ ގިނަ އަދަދެއްގެ މުދާ އެއްފަހަރާ ރަށުން ބޭރުނުކުރެވޭތީ ދަނޑުވެރިންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. ނަމަވެސް މިހާރު އެހެން ރަށްތަކަށް ދަނޑުވެރިކަމުގެ ބާވަތައްތައް ފޮނުވަމުންދާ ކަމަށެވެ. އަދި މާލެއަށް ވެސް މުދާ ފޮނުވުމަށްޓަކައި އެއިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ.
ދަނޑުވެރިކަމުގެ ބާވަތްތައް އެސްޓީއޯއަށް ނެގުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 01 ވަނަ ދުވަހެވެ. މިބާވަތްތައް ހަލާކުވަމުންދާ މައްސަލައާ ގުޅިގެން އެސްޓީއޯއިން ބުނީ މެއި މަހުގެ 01 ދުވަހު މުދާތައް ގަންނަން ގޮތަށް ހަމަޖެއްސީ ކޮވިޑް-19ގެ މިހާލަތު ކުރިމަތިވުމުގެ ކުރިން ކަމަށެވެ. ނަމަވެސް މިހާރު ދަތުރުފަތުރުގެ ނިޒާމް މެދުކެނޑިފައިވާތީ ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
ނަމަވެސް ދަތުރުފަތުރުގެ ކަންކަން ހަމަޖެހޭނެ ދުވަހެއް ނޭނގެއެވެ. މިކަމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އަދި ޓްރާސްޕޯޓް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.