ފިނޭންސް މިނިސްޓްރީން ހުޅުވާލާ ބީލަންތަކަށް ރަޖިސްޓަރީވުމަށް ދައްކަންޖެހޭ ފައިސާ ކައުންޓަރު މެދުވެރިކޮށް ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެމިނިސްޓްރީއިން ހުޅުވާލާ ބީލަންތަކަށް ރަޖިސްޓަރީވުމަށް ދައްކަންޖެހޭ ފައިސާ ކައުންޓަރު މެދުވެރިކޮށް ބަލައިގަތުން މިވަގުތަށް ހުއްޓާލަން ނިންމާފައިވާތީ، އެފައިސާ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (/https://bandeyripay.finance.gov.mv) މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މިބަދަލާއި ގުޅިގެން ބީލަންވެރިންނަށް ދިމާވެދާނެ ދަތިތަކަށް ފިނޭންސް މިނިސްޓްރީން މާފަށް އެދިފައިވެއެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ ސަލަމާތާ ރައްކާތެރިކަމަށް މިނިސްޓްރީން އެޅިފިޔަވަޅެއް ކަމަށެވެ.
ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމަށް މިނިސްޓްރީން އެދިފައިމިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރި ނުރައްކަލަކަށް ހުށަހެޅިފައިވާ ދުވަސްވަރެއްގައެވެ. މިދަނޑިވަޅުގައި ވީހާ ވެސް ބޮޑަށް އޮންލައިން ޕޭމެންޓް ހެދުމަށް ކަމާ ބެހޭ މުއައްސަސާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.