ކެނެޑާގެ ނޯވާ ސްކޯޝިއާގައި މީހަކު ބަޑިން ހަމަލާދީ ކުށެއް ނެތް އާންމުންގެ ގިނަ ބަޔަކު މަރާލުމާ ގުޅިހެން އެގައުމުގެ ޚާރިޖީވަޒީރު ފްރަންސްވާ-ފިލިޕް ޝެމްޕޭނަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރ ޝާހިދު ހޯމަ ދުވަހު ކެނެޑާގެ ފޮރިން މިނިސްޓަރަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި މިހަމަލާގެ އަޑުއެއްސެވީ ކުއްލި ހައިރާންކަމާއި ހިތާމަޔާއެކު ކަމަށެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނާއި، ސަރުކާރާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށެވެ.
ކެނެޑާގައި ފަހުގެ ތާރީޚެއްގައި ދެވުނު ނުރައްކާތެރި މިހަމަލާ ދީފައިވަނީ ފުލުހުންގެ ޔުނީފޯމެއް ލައިގެން ހުރި މީހެކެވެ. އޭނާ ނޯވާ ސްކޯޝިއާގެ އެކި ސަރަހައްދު ތަކުގައި ކާރުގައި ދަތުރުކޮށް ބަޑިން ހަމަލާދީފައިވާއިރު ބައެއް ގޭގެވެސް ވަނީ ރޯކޮށްލާފަ އެވެ. މިހަމަލާތަކުގައި 18 މީހުން މަރުވެފައިވެ އެވެ.
މީގެތެރޭގައި ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ އަންހެން އޮފިސަރަކު ހިމެނެ އެވެ. އަދި ރޯކޮށްލާފައިވާ ތަންތަނުގެ ތެރޭގައި މަރުވެފައިވާ އިތުރު ބަޔަކު ތިބުން އެކަށީގެންވާ ކަމަށް ރޯޔަލް ކެނޭޑިއަން މައުންޓް ޕޮލިސް އިން ވަނީ ބުނެފަ އެވެ. ހޮނިހިރު ދުވަހު ދިން ހަމަލާތައް 12 ގަޑިއިރަށް ދިގުދެމިގެންދިޔަ އިރު ބަޑީގެ ހަމަލާތައް ދިން މީހާ އާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި، ހަމަލާދިން މީހާ ވަނީ މަރުވެފަ އެވެ.