މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް އަންގާރަ ދުވަހުގެ 11 ޖަހާއިރު ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.
ނަަމަވެސް، މަޖިލީހުގެ އިދާރާ އިން ކަރަންޓު ދިއުމާ ގުޅިގެން ގަޑި ޖެހުނު އިރު ޖަލްސާ ފެށޭ ގޮތެއް ނުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއެކު އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށްޓަކައި މީގެކުރިންވެސް ވަނީ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފަ އެވެ. އަދި ކޮމިޓީ ބައްދަލުވުންތައް ވެސް ވަނީ އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބާއްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާލަތުގައި ކުރިޔަށް ގެންދާނެ ގޮތަކާމެދު މެމްބަރުން މަޝްވަރާކުރުމަށް ވެސް ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އޭގަފަހުން މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު މިހާރުވެސް މަޖިލީހުން ނިންމަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކުރިން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު މިހާރު މުއްދަތެއް ނެތްގޮތަށް ފަސްވުމާއި އެކު އެކަމާގުޅިގެން ކުރިމަތިވާނެ ޤާނޫނީ ހުސްކަމަކަށް ހައްލުގެނައުމުގެ ކަންކަން މަޖިލީހުން ވަނީ ކުރަން ޖެހިފަ އެވެ.
އަންގާރަ ދުވަހުގެ ޖަލްސާއަށް އިބްތިދާޢީ ބަހުސަށް ފަސް ބިލެއް އެޖެންޑާކޮށްފައިވާއިރު މިމައްސަލައަށް ހައްލެއް ގެނައުމަށް ހުށަހަޅާފައިވާ ބިލްތައްވެސް މީގެތެރޭގައި ހިމަނާފައިވެއެވެ. މީގެއިތުރުން ކޮމިޓީތަކުން ހުށަހަޅާ 3 ރިޕޯޓެއް އެޖެންޑާ ކޮށްފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅުންހުރި ކަންކަން ދިރާސާކުރަމުންދާ ކޮމިޓީ ރިޕޯޓްތައް މީގެ ތެރޭގައި ހިމެނެ އެވެ.